ހުތުބާ

އިސްލާމްދީނުގައި އަނބިމީހާގެ ހުއްދަނެތި އޭނާގެ މުދާ ބޭނުންކުރުން ހަރާމްކުރެއްވި: ހުތުބާ

އިސްލާމްދީނުގައި އަންހެނާގެ މުދާ ރައްކާތެރި ކުރެއްވި ކަމަށާއި އަނބިމީހާގެ ހުއްދަނެތި އޭނާގެ މުދާ ބޭނުންކުރުން ހަރާމްކުރެއްވި ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުލިބުނު ނަމަވެސް އިސްލާމްދީން އައުމަށްފަހު އެ ހައްގު ރައްކާތެރިކުރެއްވި ކަމަށެވެ.

"ފިރިހެނުން ފަދައިން އަންހެނުން ހައްގުތަކުގެ ތެރޭގައި ވެސް މުދާ މިލްކުވުން ހިމެނެއެވެ. އަނބިމީހާއަށް ލިބޭ މުދާ އާއިލާ އާއި ދަރިންގެ މައްޗަށް ހަރަދުކުރުން އޭނާގެ މައްޗަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް ފިރިމީހާ އޭނާގެ މުދަލުން އޭނާގެ އަނބިދަރިންގެ މައްޗަށް ހަރަދުކުރުން ވާޖިބެވެ. ކިތަންމެ ގިނަ ފައިސާއެއް އަނބިމީހާއަށް ލިބުނު ކަމުގައިވިޔަސް ތިމާގެ އާއިލާއަށް ހަރަދުކުރުމާއި ނުކުރުމުގެ އިހްތިޔާރު އޭނާއަށް ލިބިގެންވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ހާއްސަ ހާލަތްތަކުގައި ފިރިމީހާއާއި އާއިލާގެ މައްޗަށް ހަރަދު ކުރުމަކީ އަނބިމީހާއަށް ގިނަގުނަ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށާއި އަންހެނުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިދާނެ ހުރިހާ ގެއްލުމަކުން ރައްކާތެރިކުރުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އިސްލާމްދީނުގައި އަޅާފައިވާ ކަމަށެވެ.

"ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް އަނިޔާވެރިވުމުގެ ގޮތުން އެކި ގޮތްގޮތަށް ވަރިކޮށް އުޅުނެވެ. މީގެ ތެރޭގައި އީލާއު ކުރުމާއި، ޡިހާރު ކުރުން ހިމެނެއެވެ. ނަމަވެސް އިސްލާމްދީން އައުމަށްފަހު، މާތްﷲ ވަނީ އަންހެނުންގެ މި ހައްގު ރައްކާތެރިކޮށްދެއްވައިފައެވެ. އަދި ކުޅޭ ކުޅިވަރަކަށް އަންހެނުންނާ އިދެ ވަރިކުރުން މަނާކުރެއްވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމްދީން އައުމަށްފަހު އަންހެނުންނަށް އަނިޔާ ލިބޭނެ ހުރިހާ ކަމަކުން ރައްކާތެރިކުރެއްވި ކަމަށާއި ފިރިމީހާ އަނބިމީހާއަށް އަނިޔާވެރިވުން ނަހީކުރެއްވި ކަމަށެވެ. އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅެވެން ނެތްނަމަ، އެކަނބަލުން ދޫކޮށްލުމަށް މާތްﷲ އަމުރުކުރެއްވި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.