ދިރާގުގެ ހިއްސާތައް އޭރު ވިއްކައި ނުލިނަމަ މިއަދު އިންޓަނެޓްގެ އަގުހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓަނެޓުގެ މުހިއްމުކަން އިންތިހާއަށް ބޮޑުކަމާއި އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭކަން މިވިސްނެނީ މިފަދަ ދަނޑިވަޅެއްގައި ކަމަށެވެ.
މިދިޔަ އަހަރުގެ މޭ މަހު ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައިވަނީ ރައްޔިތުންނާއި ވިޔަފާރިވެރިން އުފާވާ މިންވަރަށް، ކައިރި މުސްތަގުބަލެއްގައި އިންޓަނެޓްގެ އަގު ހެޔޮކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި އިންޓަނެޓުގެ އަގު ބޮޑުކަމުގެ ޝަކުވާއަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. އަދި އިންޓަނެޓު އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.