ފެޝަން

ޕްރިޔަންކާގެ ވެޑިން ޑްރެސް ޑިޒައިން ކުރީ ރަލްފް ލޯރެން!

ބޮލީވުޑް ނޫސްތަކުގެ ފަލަ ސުރުހީތަކުގައި އެންމެ ގަދައަށް މިދުވަސްކޮޅު ދެކެވޭ ވާހަކަ އަކީ ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އާއި ހޮލީވުޑް ލަވަ ކިޔުންތެރިޔާ ނިކް ޖޯނާސްގެ ކައިވެނީގެ ވާހަކައެވެ.

މި ދެ ބައިވެރީންގެ ކައިވެނީގެ އެކި ހަފުލާތައް ވަނީ އިއްޔެ ފެށިގެން ގޮސްފައެވެ. އެގޮތުން ސަންގީތު އިއްޔެ އޮތް އިރު މިއަދު އޮންނާނީ ހަލްދީ ސެރެމޮނީއެވެ.

ޕީސީ އާއި ނިކްގެ ކައިވެނި ދެ ގޮތަކަށް ކުރެވިގެން ދާއިރު މީގެ ކުރިން އޮތީ މި ދެ ކައިވެނިވެސް ޑިސެމްބަރު މަހު ދެވަނަ ދުވަހު ކުރާ ގޮތަށެވެ. ނަމަވެސް މިހާރު އަޑު ފެތުރިފައިވާ ގޮތުން ކްރިސްޓިއަން ކައިވެނި ޑިސެމްބަރު އެކެއްގައި ކުރެވޭއިރު ހިންދޫ ކައިވެނި ކުރެވޭނީ ޑިސެމްބަރު ދޭއްގައެވެ.

ޕީސީގެ ކްރިސްޓިއަން ކައިވެނީގެ ވެޑިން ޑްރެސް ޑިޒައިން ކޮށްފައިވަނީ މަޝްހޫރު އޯޓް ކޮޓުއަރ ޑިޒައިނަރު ކަމަށްވާ ރަލްފް ލޮރޭން އެވެ. މިއީ ޕީސީއަށް ވެސް ރަލްފް އަށްވެސް އޮތް ވަރަށް ބޮޑު ޝަރަފެކެވެ. އެހެނީ ޕީސީ ވެގެން ދާނީ ރަލްފް ވެޑިން ޑްރެސް ޑިޒައިން ކޮށްދިން ފުރަތަމަ ސެލެބްރިޓީ އަށެވެ. މީގެ ކުރިން ރަލްފް ވެޑިން ޑްރެސް ހަމަ އެކަނި ޑިޒައިން ކޮށްދީފައި ވަނީ އޭނާގެ އަންހެން ދަރި އަދި ނީސް އަށެވެ.

ޕްރިޔަންކާގެ ކައިވެނި ކުރެވޭނީ ޖޯދްޕޫރުގެ އުމެއިދު ބަވަން ޕެލަސްގައެވެ.