ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ގޭބިސީތަކަށް 50 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށާއި ރިސޯޓުތައް ހުއްޓާނުލައި ޕްރައިވެޓް އައިލެންޑްގެ ގޮތުގައި މުއްސަނދިންނަށް ދޭން ޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ"އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ވިޔަފާރިވެރިންގެ އިތުރުން ގޭބިސީތަކަށް ވެސް ގެއްލުންވާ ކަމަށާއި ސަރުކާރުގައި އޮންނަ އުސޫލަކުން މި ދަނޑިވަޅުގައި ގޭބިސީތަކަށް އެހީތެރިވުން ވެސް ވަރަށް މުހިންމު ކަމަށެވެ.
"މީގެ ގެއްލުންވަނީ ވިޔަފާރިތަކަކަށް އެކަންޏެއް ނޫން. ގެއްލުން އެބަވޭ ގޭބިސީތަކަށް ވެސް. އެންމެން މިތިބީ ގޭގައި. ދެން ހަރަދު ބަރަދު ހުންނާނެތާ. އަނެއްހެން ޕާޓްޓައިމްކޮށް މަސައްކަތްކުރާ މީހަކަށް ވެސް މިހާރު ނުދެވޭނެ. ސަރުކާރުން އެލޮކޭޓްކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން 50 މިލިއަން ރުފިޔާގެ ގޭބިސީތަކަށް 15،000 ވަރަކަށް ރުފިޔާ، އެ ގޭބިސީތަކުގެ ނިސްބަތުން ސަރުކާރުގައި އޮންނަ އުސޫލަކުން މި ދަނޑިވަޅުގައި ލިބުން ވަރަށް މުހިންމު،" އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ރިސޯޓުތައް ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ދުނިޔޭގެ ބޮޑެތި މުއްސަނދިންނަށް ދޭ ގޮތަށް ޓޫރިޒަމް އަލުން މާކެޓުކޮށް ރީ ޑިޒައިންކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މިއަދު އިންޑަސްޓްރީގެ ވަރަށް އިސް ބޭފުޅުންނާ ވާހަކަދައްކާލިން. އޭގެ ތެރޭގައި ހާއްސަކޮށް ސަން ޓްރެވަލްސް ޝިޔާމްއާ ވެސް ވާހަކަދެއްކިން. އަޅުގަނޑު އެބޭފުޅާއާ ވެސް މަޝްވަރާ އެރުވިން ބަންދުނުކުރާށޭ ރިސޯޓުތައް. ޕްރައިވެޓް އައިލެންޑުގެ ގޮތުގައި، މުއްސަނދިންނަށް ސޭފް އައިލެންޑްސްގެ ގޮތުގައި އެތަންތަން ދޭށޭ. އެގޮތަށް އިއުލާނުކުރާށޭ، އެގޮތަށް މާކެޓުކުރާށޭ، އެގޮތަށް ރީބްރޭންޑުކުރާށޭ. އޮޕަރޭޝަންތައް ކުރިއަށްގެންދާށޭ، ބަންދުނުކުރާށޭ،" އޭނާ ވިދާޅުވިއެވެ.
ވިލާ ކުންފުނީގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބައެއް ރިސޯޓުތައް ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ދިނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ގާސިމްގެ އެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމެވުން ނޫން ކަމަށެވެ.
"އަޅުގަނޑު މިއީ ގާސިމް އިބްރާހިމް ނަމަ، އެ ހުރިހާ ރަށްތައް ބަންދުކުރުމުގެ ބަދަލުގައި ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ހަދާފައި މުއްސަނދިންނަށް އެ ރަށްތައް ދޭނީ. ގާސިމް ވެސް އެކަން ކުރައްވާނެ. ހުރިހާ ރިސޯޓު އޯނަރުން ވެސް އެކަން ކުރަންވީ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ގައުމުގެ އިގުތިސާދަށް ލިބިފައިވާ ގެއްލުން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އިސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސް ސޯލިހާއި ވަޒީރުންނަށް މަޝްވަރާދެއްވަމުން ގެންދަވާ ކަމަށެވެ.