އުމަރު ނަސީރު

މިލިޓަރީ ގުޅުން ބާއްވަން ޖެހޭނީ އިންޑިއާއާ، ޗައިނާއާ އެކު ބާއްވަންވީ އިގުތިސާދީ ގުޅުން: އުމަރު

2

މިލިޓަރީ އެއްވެސް ކަހަލަ ގުޅުމެއް ބާއްވާ ނަމަ އެގުޅުމެއް ރާއްޖެއިން ބާއްވަން ޖެހޭނީ އިންޑިއާއާ ކަމަށާއި ޗައިނާއާ އެކު ބާއްވަންވީ އިގުތިސާދީ ގުޅުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު ރޭ، ވިދާޅުވީ ސެކިއުރިޓީ އާއި އެހެނިހެން ސަބަބު ތަކަށް ބަލާއިރު ވެސް، އިންޑިއާ ކަނޑުގެ މަސްލަހަތުތައް ހިމާޔަތް ކުރުމަކީ ރާއްޖެއިން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"އިންޑިއާ އަކީ މި ސަރަހައްދުގައި އެންމެ ވަރުގަދަ ސުޕަރ ޕަވަރ. ކަމެއް ޖެހުނަސް އެހީތެރިކަމެއް ފޯރުކޮށްދެވޭނެހާ ކައިރީ ތިބީ އެމީހުން. އެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ. އެމީހުންގެ ސެކިއުރިޓީއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަކަށް އެއްވެސް ބަޔަކަށް ޖާގަދޭން އެމީހުން ބޭނުމެއް ނުވާނެ. ރާއްޖެއިން ވެސް އެކަން ކޮށްގެންވެސް ނުވާނެ." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އިންޑިއާ ކަނޑުގެ މަސްލަހަތަކީ ދިވެހިރާއްޖޭގެ ވެސް މަސްލަހަތު ކަމަށާއި އެކަން އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާ އަދި ޗައިނާގެ މައްސަލަ އަކީ 2008އާ ހަމަޔަށް އައި އިރު ރާއްޖެ އަށް އުފަން ނުވާ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ އުފަންވެ ބޮޑު ވެގެން ދިޔައީ ކަންތައްތައް ކުރެވުނު ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ކުންފުނިތައް ގެނެސް މާ ގާތް ގުޅުންތައް ގާއިމުކޮށް އެމީހުންގެ ޖީބަށް ފުންމައިލީ. އެއީ މައްސަލަ ފެށުނު ހިސާބު. އޭގެން ސަލާމަތްވާން ރައީސް ވަހީދު ކުރެއްވި މަސައްކަތުގެ ތެރެއިން މި ގޯސްތައް އިތުރަށް ގޯސްވީ. ދެން އަނެއްކާ ރައީސް ޔާމީންގެ ވެރިކަމުގަ ޗައިނާ މާކައިރިކޮށް އިންޑިއާ އެއްކޮށް އެކަހެރިކޮށްލީ. އިންޑިއާ ކަނޑުގެ މަސްލަހަތުތައް ވެސް ހިމާޔަތް ނުކުރެވޭނެހެން އިންޑިއާއަށް ހިވާ ހިސާބަށް ރާއްޖެއިން ޗައިނާ ގާތް ކުރީ." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އިންޑިއާގެ މިލިޓަރީ އެހީތެރިކަން ވެސް ރާއްޖެއިން ހޯދަން ވާނީ ދެގައުމުގެ އެކި ކަހަލަ ތަމްރީނު ތަކަށާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި އެނޫން ވެސް އެފަދަ ކަންކަމަށެވެ. އެއްވެސް ހާލެއްގައި އޭގެ ތެރޭގައި އެމީހުންގެ ސިފައިން ރާއްޖޭގެ ބިމުގައި ބޭސް ވެގެން ތިބުން ހިމެނިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟