އިންޑިއާ

އެތައް މިލިއަން މީހުން ހިމެނޭ ބޮޑެތި ސިޓީތަކާ އެކު އިންޑިއާ މި މަހުގެ ނިޔަލަށް ލޮކްޑައުންއަށް

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 ފެތުރެމުންދާތީ އެތައް މިލިއަން މީހުނާއެކީ އިންޑިއާގެ ބޮޑެތި ސިޓީތައް މިމަހުގެ ނިޔަލަށް ލޮކްޑައުންކޮށްފި އެވެ.

އިންޑިއާގެ 75 ސްޓޭޓެއް ލޮކްޑައުން ކޮށްފައިވާއިރު އޭގެ ތެރޭގައި ބޮޑެތި ސިޓީތައް ކަމުގައިވާ ނިއު ދިއްލީ، މުމްބާއީ، ބެންގަލޫރު، ޗެންނާއީ، ހައިދަރުއާބާދު އަދި ކަލްކަތާ ހިމެނެއެވެ.

ލޮކްޑައުން އަށް ގެނެސްފައިވާ ސިޓީތަކުގެ މީހުން މަސައްކަތަށް ވެސް ބޭރަށް ނުކުތުން މަނާކޮށްފައި ވާއިރު ދަތުރު ކުރުމާއި އެހެނިހެން ހަރަކާތްތައްވެސް ވަނީ ހުއްޓުވާފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމުގައިވާ އިންޑިއާގައި މިހާތަނަށް 415 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ހަތް މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ މިނިސްްޓްރީ އޮފް ހެލްތުން ބުނާ ގޮތުގައި އެގައުމުގައި ވެސް އޮތް ބިރަކީ އެހާ އާބާދީ ބޮޑުވުމުގެ ސަބަބުން އެންމެން ޓެސްޓު ކޮށް ނުހެދިދާނެތީ ބަލި ކޮންޓްރޯލުން ނެއްޓި ޔޫރަޕުގެ ގައުމުތައް ގޮތަށް ކުއްލިއަކަށް އަތު ނުޖެހޭ ވަރަށް ބަލި ފެތުރުމެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުގެ ޑިރެކްޓަރު ޖެނެރަލް ޑރ. ބަލްރާމް ބަރްގާވާ ވިދާޅުވީ އެގައުމުގައި ފާއިތުވި ހަފުތާގެ ތެރޭގައި 5000 މީހަކު ވަނީ ޓެސްޓުކޮށްފައި ކަމަށެވެ. އަދި މިހާތަނަށް ޖުމުލަ 15000 މީހުން ޓެސްޓު ކޮށްފައިވާނެ ކަމަށެވެ.

އިއްޔެ އިންޑިއާގައި އިއުލާނުކޮށްފައި އޮތް "ޖަންތާ ކާފިއު" ނިމުމުގެ، ކުރިން މި ވަނީ މިމަހުގެ ބާކީ އޮތް ދުވަސްތަކަށް ލޮކްޑައުން އިއުލާނު ކޮށްފައެވެ. ޖަންތާ ކާފިއުގައި އިންޑިއާގެ 1.3 މިލިއަން މީހުން ވަނީ ގޭގޭގައި 14 ގަޑިއިރު މަޑުކޮށްފައެވެ.

ކޮވިޑް19 އިންޑިއާގައި ފެތުރުން ހުއްޓުވުމަށް އެގައުމުންވެސް ގެންދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ޕަބްލިކް ޓްރާސްޕޯޓުގައި ހިމެނޭ މެޓްރޯ އަދި ރިކްޝާތައް ދުއްވުން މަނާކޮށްފައިވާއިރު ފިހާރަތަކާއި ފެކްޓަރީތައް ވަނީ ބަންދުކޮށްފައެވެ. އަޅުކަންކުރާ ތަންތަނާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެތެރޭގެ އުދުހުންތަކާއި ބޯޑަރުތައް ވެސް މި ލޮކްޑައުނާއެކީ މިމަހުގެ ނިޔަލަށް ބަންދުވާނެއެވެ.

އިންޑިއާގައި ތިބި ދިވެހީންނަށް އެހީވުމުގެ މަސައްކަތް ދިވެހި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާއަށް ގޮސްތިބި ދިވެހިންގެ ތެރެއިން ގައުމަށް ނާދެވިފައި ތިބި ދިވެހިންގެ ތިބުމާއި ކެއުމުގެ ހަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.