ޖުމްހޫރީ ޕާޓީ

ރިޔާޒް ރަޝީދު ޖޭޕީއަށް، އެމްޑީޕީ ފަހާލައި މަޖިލީހުގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ރިޔާޒް ރަޝީދު، ޖޭޕީއަށް ސޮއިކުރުމަށް މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. ޖޭޕީއަށް ސޮއިކުރެއްވުމުގެ ކުރިން ރިޔާޒް ރަޝީދަކީ ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރެވެ.

ރިޔާޒް ޖޭޕީއަށް ސޮއިކުރެއްވުމާ ގުޅިގެން މިހާރު މަޖިލީހުގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޖޭޕީ ވަނީ ވެފައެވެ. މިހާރު މަޖިލީހުގައި ޕީޕީއެމްއަށް ނިސްބަތްވާ 28 މެމްބަރުން ތިއްބަވާ އިރު، ޖޭޕީގެ މެމްބަރުންގެ އަދަދު ވަނީ 20 އަށް އަރައިފައެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 19 މެމްބަރުންނެވެ. އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހިމެނިވަޑައިގަންނަވާ އިރު، އެމްޑީއޭގެ ހަތަރު މެމްބަރުން ތިއްބަވައެވެ. އަދި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު މަޖިލީހުގައި ތިއްބަނީ 79 މެމްބަރުންނެވެ.