މިއަހަރުގެ ޖުލައިން އޮގަސްޓަށް ބާއްވަން އޮތް އޮލިމްޕިކް ގޭމްސް "ޓޯކިޔޯ 2020" ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އާދިއްތަ ދުވަހު އެކޮމިޓީގެ އެގްޒެކެޓިވް ބޯޑުން ބޭއްވި ބައްދަލުވުމަކަށްފަހުގައެވެ.
އެ ކޮމިޓީން މިއަދު ބުނީ އެކި ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީ ތަކާއި ގޭމްސްގެ ބައިވެރިންގެ ފަރާތުން ގޭމްސް ފަސްކޮށްދިނުމަށް އެދެމުން އަންނާތީ "ޓޯކިޔޯ 2020" ފަސްކުރުމަށް ނިންމައި އާ ތާރީހެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކުގެ އޮލިމްޕިކް ހަރަކާތްތައް އިންތިޒާމް ކުރާ ޖަމިއްޔާތަކުންނާއި އޮލިމްޕިކްސްގެ ބައިވެރިންނާއި ކުރީގެ ޗެމްޕިއަނުންވެސް އައީ ކޮރޯނާ ވައިރަސްގެ ވަބާ މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ގޭމްސް ފަސްކޮށްދިިނުމަށް އެދެމުންނެވެ.
ކޮރޯނާވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ ކުޅިވަރު ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރުވެސް ޖަޕާނުގައި މިއަހަރުގެ ޖުލައިން އޮގަސްޓަށް ބާއްވާ އޮލިމްޕިކް ގޭމްސް ފަސްނުކުރާނެ ކަމަށް ޖަޕާނާއި އައިއޯސީން ތަކުރާރުކޮށް ބުނެފައިވާތީ އިއްޔެއާއި ހަމަޔަށް އެ ކޮމިޓީއަށް އައީ ފާޑުކިއުންތައް އަމާޒުވަމުންނެވެ.
މިއަހަރުގެ އޮލިމްޕިކް ގޭމްސް ބާއްވާ ގައުމު ކަމުގައިވާ ޖަޕާނުން އަންނަނީ އެގޭމްސް އަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔޭގެ ކުޅިވަރަށް ވަނީ އޭގެ އަސަރުކޮށްފައެވެ. އެގޮތުން ކުޅިވަރުގެ ހުރިހާ ހަރަކާތެއް ކަހަލަ ގޮތަކަށް މިހާރު ވަނީ ހުއްޓާލައިފައެވެ.