މަސްތުވާތަކެއްޗާއެކު ގދ. ހޯނޑެއްދޫން ހައްޔަރު ކުރި ނުވަ މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ނުވަ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަހަރުގެ ޖެނުއަރީމަހު 30 ގައެވެ.
އެގޮތުން މި މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އެތަކެތި ގެންގުޅެ، ފުޅާ ދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހުން ހައްޔަރު ކުރި އޮޕަރޭޝަން ހިންގީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ފާސްކޮށްފައި ކަމަށާއި އެ ގެތަކުން މަސްތުވާ ތަކެތި ބަންދު ކުރަން ބޭނުންކުރާ ގިނަ އާލާތްތަކާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މި އޮޕަރޭޝަނުގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ، ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (24އ)، ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ)، ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ)، ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ)، ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ)، ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ)، ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު، ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) އަދި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ) އެވެ.
މީގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެންގެވެސް ކުށުގެ ރެކޯޑު ހުރި ކަމަށް ފުލުހުން ބުނެއެވެ. ކުށުގެ ރެކޯޑެއް ނެތީ މުހައްމަދު ސިދުރަތާއި މުހައްމަދު ގިޔާސްގެ ކަމަށް ފުލުހުން ބުނެއެވެ. އަދި ސިދުރަތު ވަނީ ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް ސިދުރަތުގެ އިތުރުން މައްސަލައިގައި ދެން ހިމެނޭ އެންމެންވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހުންނަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމަށް އަންނަ ހަފުތާގައި ޕީޖީއަށް ހުށަހަޅާނެ ކަމަށް ފުލުހުން ބުނެއެވެ.