މާލެ

މުޅި މާލެއިން ޖަރާސީމު ފިލުވުމުގެ މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

މުޅި މާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތް ފަށައިފި އެވެ.

މާލޭ މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު އައިޖީއެމްއެޗް ކުރިމަތިންނެވެ.

މި މަސައްކަތް ފެށުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މި މަސައްކަތުގެ ދަށުން މާލޭ ރިންގް ރޯޑު ވަށައި ކްލޮރިން ފެން ޖަހާނެ ކަމަށެވެ. އޭގެ އިތުރުން ކުދި މަގުތަކާއި ގޯޅިތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތް ވެސް ބައުޒަރުގެ އެހީގައި ކުރައްވާނެ ކަމަށް ޝީފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މާލެ އެކީ އެކައްޗަކަށް ސާފު ކުރާއިރު ދެކަމަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ. އެއީ މާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމުގެ އިތުރުން މަގުތަކުގައި ހުންނަ ކުނިތަކާއި އެކި ސަރަހައްދުތަކަށް އެއްކޮށްފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މީހުންނަށް ގެއްލުން ލިބޭނެހެން ހުންނަ ޕެލެޓުތައްވެސް ނަގާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

މި މަސައްކަތަށް ބޭނުން ކުރާ ފެނުން އެއްވެސް ވެހިކަލަކަށް ގެއްލުމެއް ނުލިބޭނެ ކަމަށްޝިފާ ވިދާޅުވިއެވެ. ނަމަވެސް މަގުމަތިން ނަގަން ބޭނުން އެއްޗެއް ހުރި ނަމަ އެ އެއްޗެއް ގެޔަށް ވެއްދުމަށް ޝިފާ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މަގުމައްޗަށް ކުނި ނޭޅުމަށާއި މަގުމައްޗަށް ކުޅު ނުޖެހުމަށާއި މާލޭގެ މަގުތައް ސާފު ކުރެވޭނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެހީއާއި އެކު ކަމަށް ޝިފާ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ކޮމާޑަރު ބްރިގޭޑިއާ އަބްދުﷲ އިބްރާހީމް ވިދާޅުވީ މާލެއިން ޖަރާސީމު ފިލުވުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމައިލެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި މި މުއްދަތުގައި މަސައްކަތް ނުނިމިއްޖެ ނަމަ އޭގެ އަނެއްދުވަހުވެސް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.