ޗައިނާއިން ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު އެހެން ވިދާޅުވެފައިވަނީ ޗައިނާއިން ވެސް ބޭނުންވަނީ ރާއްޖޭގައި އެގައުމުގެ އަސްކަރީ މަރުކަޒެއް އެޅުމަށް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުގައި އެއްވެސް ގައުމެއްގެ އަސްކަރީ މަސައްކަތް ރާއްޖޭގައި ކުރެވެން ނެތް ކަމަށް ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނިކޮށެވެ.
ޗައިނާ ސަފީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ވިސްނުން ޗައިނާއިން ނުގެންގުޅޭ ކަމަށާއި ޗައިނާއާއި ރާއްޖެއަކީ އެކުވެރި އަސްކަރީ ގުޅުން އޮންނަ ދެ ގައުމު ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ތަމްރީންތައް ކުރިއަށްގެންދިއުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދާދި ފަހުން ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ފޯރުކޮށްދީފައިވާ ކަމަށާއި ރާއްޖޭގެ ކޯސްޓު ގާޑުން ވެސް އެމަޖަންސީ ހާލަތްތަކުގައި ޗައިނާގެ ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.