ކޮވިޑް 19 އާ ގުޅިގެން އެމިރޭޓްސް އެއާލައިންގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ހުއްޓާލަން ނިންމައިފިއެވެ.
ދުބާއީގެ އެމިރޭޓްސް ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް މެދުކަނޑާލަން ނިންމީ ކޮވިޑް 19 އާ ގުޅިގެން ބައެއް ގައުމުތައް ލޮކްޑައުންކޮށް އަދި ބައެއް ގައުމުތަކުން ބޯޑަރު ބަންދުކޮށްފައިވާތީ ކަމަށެވެ.
އެމިރޭޓްސްއިން ބުނީ، ފެސެންޖާ ފްލައިޓުތައް މެދުކަނޑާލި ނަމަވެސް ކާގޯ އޮޕަރޭޝަންތަކަށް އެއްވެސް ހުއްޓުމެއް ނައިސް މިހާރެކޭވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
އެމިރޭޓްސް އިން ބުނީ، އެ އެއާލައިންގެ ދަތުރުތައް އަލުން ފަށާނީ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމުން ކަމަށާއި، މިހާލަތުގައި ދިމާވެދާނެ މާލީ ދަތިތަކުން އަރައިގަނެވޭނެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އެހެންކަމުން ދަތުރުތައް ހުއްޓާލި ނަމަވެސް ވަޒީފާތައް މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް ބައެއް މުވައްޒަފުންގެ މުސާރައިން 25 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ އަދަދެއް ތިން މަސް ދުވަސް ވަންދެން އުނިކުރުމަށް ނިންމާފައިވާ ކަމަށް އެމިރޭޓްސް އިން ބުނެއެވެ.
މީގެ އިތުރުން މި ދުވަސްވަރު އެ ކުންފުނިން އެދެނީ ވީހާވެސް ގިނަ މުވައްޒަފުން ނޯޕޭ އަދި ޕެއިޑް ލީވް ނެގުން ކަމަށްވެސް އެމިރޭޓްސް އިން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 318650 މީހުންނަށް ކޮވިޑް 19 ޖެހިފައިވާއިރު އެ ބަލީގައި 13،676 މީހުން ވަނީ މަރުވެފައެވެ.