ސިންގަޕޫރަށް އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާކުރަން އެގައުމުގެ ސަރުކާރުން ނިންމާފައިވާތީ އެގައުމަށް ދަަތުރުކުރާ ދިވެހިންނާއި ސިންގަޕޫރުގައި އުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
ކޮވިޑް 19އާ ކުރިމަތިލުމަށް ސިންގަޕޫރު ސަރުކާރުން އަޅަން ނިންމާފައިވާ އެ ފިޔަވަޅުގެ ދަށްދުން މާދަމާ ރޭ ސިންގަޕޫރު ގަޑިން 23:59 އިން ފެށިގެން އެގައުމަށް ފަތުރުވެރިން ވަނުމާއި އެގައުމުގައި ޓްރާންސިޓް ކުރުން މަނާ ވާނެއެވެ.
އޭގެ އިތުރުން ސިންގަޕޫރުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ސިއްހީ އަދި ދަތުރުފަތުރުގެ ދާއިރާފަދަ ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީން ފިޔަވައި، އެހެނިހެން މަސައްކަތްކުރާ ބިދޭސީންނަށް ވެސް އެގައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ސިންގަޕޫރަށް ދަތުރުކުރާ އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިން ސަމާލު ވުމަށް އެދިފައެވެ. ހާއްސަކޮށް މި ދުވަސްވަރުގައި ސިންގަޕޫރަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލު ވުމަށް މިނިސްޓްރީން އެދެއެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް ވަނީ އެދިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ފިޔަވަޅުތަކަކީ އެކަމަށް ބަދަލު އައުން އެކަށީގެންވާ ފިޔަވަޅުތަކަކަށް ވުމުން ދަތުރު ކުރުމުގެ ކުރިން ސާފުކުރަންޖެހޭ މައުލޫމާތުތައް ސާފު ކުރުމަށް އެދޭ ކަމަށެވެ. އަދި ސިންގަޕޫރުގައި އުޅޭ ދިވެހިން އެގައުމުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލު ވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.