ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ފޮނުއްވި ލިސްޓުން ޝިފްލާގެނަން އުނިކޮށް، އަނާ އާއި ފަޒީން ކުރީގައި ހިމަނައި ކޮމިޓީ ރިޕޯޓް ފޮނުުވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަން ލިސްޓުގެ އެންމެ ކުރީގައި އޮތް މަޝްހޫރު ޕްރެޒެންޓަރު، ޝިފްލާ އިބްރާހިމްގެ ނަން އުނިކުރުމަށްފަހު، ވީޓީވީގެ ސީނިއާ އެޑިޓަރު އާމިނަތު އަމީނާ (އަނާ) އާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަން ލިސްޓުގެ ކުރީގައި ހިމަނައި ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

މީގެ ކުރިން ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓެއްގެ ކުރީގައިވެސް ޝިފްލާގެ ނަން ހިމެނުއްވިއެވެ.

އެފަހަރު ޝިފްލާގެ ނަން ފެއިލްކޮށްލީ މަޖިލިސް ތަޅުމުންނެވެ. އަދި އެފަހަރު މަޖިލީހުން ވޯޓުދީގެން ފާސްކުރީ މީޑިއާގެ ދާއިރާގައި އެއްވެސް ގޮތަކަށް ހަރަކާތްތެރިވެފައި ނުވާ، އެ ލިސްޓުގެ ތިންވަނައިގައި އޮތް އެމްޑީޕީ އެކްޓިވިސްޓް، ގދ. އަތޮޅުގެ ކުރީގެ ކައުންސިލަރު އަހުމަދު ގައިސްގެ ނަމެވެ.

މިފަހަރުގެ ލިސްޓުގައި ޝިފްލާގެ ނަން ހިމަނައިގެން 15 ނަމެއް ރައީސް މަޖިލީހަށް ފޮނުއްވެވި އެވެ.

ނަަމަވެސް އެ ނަން ލިސްޓު ދިސާރާކޮށް، އެ ލިސްޓުގައި ހިމެނޭ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ނަން ލިސްޓުގައި ހިމެނެނީ ހަތް ބޭފުޅުންގެ ނަމެވެ.

ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ނަންލިސްޓް، ތަރުތީބުން:

  • އާމިނަތު އަމީނާ (އަނާ) - ވީޓީވީގެ ސީނިއާ އެޑިޓަރު
  • މުހައްމަދު ފަޒީން - ރާއްޖެޓީވީގެ ނޫސްވެރިޔާ
  • ޒުބައިރު އަހްމަދު މަނިކު - ގ. މަލްވިން، މާލެ
  • އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު - ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު
  • އިސްމާއިލް ސާޖިދު - މއ. ވިލާރޮދި، މާލެ
  • އަހްމަދު ހަލީލު - މއ. ހަތާ، މާލެ
  • އަހަމްދު ފައިރޫޒް - ސަންގު ޓީވީ ޕްރެޒެންޓަރު

އެ ނަންތައް ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ރައީސް މަޖިލީހަށް ފޮނުއްވި ނަން ލިސްޓުގެ ތެރެއިން ދެ މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެއީ، ޓީވީއެމްގެ ޕްރޮޑިއުސަރު މޫސާ ރިލްވާން، މ. ހާވިލާ އާއި އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް އެވެ. އަދި ރައީސް ފޮނުއްވި، ލިސްޓުގެ ތިން ވަނައިގައި އޮތް ނުޒުހާ ވަނީ ކޮމިޓީ އިންޓަވިއުގައި އަމިއްލަ ސަބަބުތަކަށް ޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ނުޒުހާއާ އިންޓަވިއުކޮށްފައެެއް ނުވެ އެވެ.