ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ޖެހިގެން ރިއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް މަރުވެއްޖެއެވެ.
އުމުރުން މިހާރު 76 އަހަރުގެ ލޮރެންޒޯ ރިއާލް މެޑްރިޑްގެ ރައީސްކަން 1995 އިން 2000 ވަނަ އަހަރާއި ހަމަޔަށް ވަނީ ކޮށްފައެވެ. އޭނާގެ ރައީސް ކަމުގައި އެ ޓީމުން ވަނީ ދެފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ. އޭނާ މަރުވިކަން ރެއާލް މެޑްރިޑުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ލޮރެންޒޯ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ހުން އަންނަތާ އަށް ދުވަސް ފަހުން އޭނާގެ ހާލު ދައްވަމުން ދިއުމުންނެވެ. އެޑްމިޓްކޮށް ޓެސްޓުކުރި އިރު އެނާވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް ލޮރެންޒޯ މަރުވީ ކިޑްނީ ފެއިލް ވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލޮރެންޒޯ ރެއާލް މެޑްރިޑްގެ ރައީސް ކަމުގައި ހުރި ދުވަސް ވަރު ވެސް އެޓީމަށް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެންދިޔައެވެ. އެގޮތުން ޑޭވޯ ސޫކާ، ޕެޑްރަގް މިޖަޓޮވިކް، ރޮބާޓޯ ކާލޮސް، ސީދޮފް، ސްޓީވް މެކްމަން އަދި ނޮކޮލަސް އަނެލްކާ ފަދަ ކުޅުންތެރިން ފާހަގަ ކޮށްލެވެއެވެ.
ލޮރެންޒޯގެ ރައީސް ކަމުގައި ރެއާލް މެޑްރިޑުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބަކީ 1998 ވަނަ އަހަރު ޔޫރަޕިއަން ކަޕް ކާމިޔާބު ކުރުމެވެ. އެއީ އެޓީމަށް 1966 ވަނަ އަހަރަށް ފަހު ޔޫރަޕިއަން ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ގިނަ ގައުމު ތަކުގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް19 އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ސްޕޭނާއި އިޓަލީ ހިމެނެއެވެ. ގިނަ ފުޓުބޯޅަ ކުޅުންތެރިން މި ބައްޔަށް ޕޮޒިޓިވް ވަމުންދާ އިރު އިންޓަނޭޝަނަލް ހުރިހާ ކުޅިވަރެއްހެން ވަނީ މެދުކަނޑާލައިފައެވެ.