ޔުވެންޓަސް އަދި އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާގެ އިތުރުން އިޓަލީގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޑިބާލާގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
ޑިބާލާ ބުނީ އޭނާ އާއި އެނާގެ ލޯބިވެރިޔާ އާޖެންޓީނާގެ ލަވަކިޔުންތެރިޔާ، އޮރިއާނާ ސަބަޓިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ޑިބާލާ އަކީ ޔުވެންޓަސް ޓީމުން މިބަލި ޖެހުނު ތިން ވަނަ މީހާ ކަމަށް މައުލޫމާތު ލިބެއެވެ. ޑިބާލާގެ އިތުރުން ޔުވެންޓަސް އިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވަނީ ޑިފެންޑަރު ޑެނިއެލް ރުގާނީ އަދި މިޑްފީލްޑަރު ބްލެއިޒް މަޓުއިޑީއެވެ.
މީގެ އިތުރުން އޭސީ މިލާންގެ ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑިނީ ވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެ ދެމީހުން ވެސް ވަނި ދެ ހަފުތާއަށް ގޭގައި އައިސޮލޭޓް ވެފައެވެ. އެކުލަބުން ވެސް ވަނީ އެކަން އާންމުކޮށްފަ އެވެ. އަދި އެދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އޭސީ މިލާނުން ވަނީ ބުނެފައެވެ.
އޭސީ މިލާނަށް ކުރިން ކުޅުނު ޕައުލޯ މަލްޑިނީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. މިލާނާއެކު އިޓާލިއަން ލީގު ހަތް ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކުރި މަލްޑިނީ ވަނީ އިޓަލީ ގައުމީ ޓީމާއެކު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ވެސް ހޯދައިފައެވެ. މަލްޑިނީގެ 18 އަހަރުގެ ދަރިފުޅު ޑެނިއެލް ވެސް ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ އެ ކްލަބުންނެވެ. މިލާންގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ޑެނިއެލް ވަނީ މިސީޒަނުގައި އެ ކްލަބުގެ ސީނިއާ ޓީމުން ޖާގަ ހޯދާފައެވެ.
ކޮވިޑް19 އާއި ގުޅިގެން އިޓަލީގެ ހުރިހާ ކުޅިވަރުތަކެއް ވަނީ އަންނަ މަހު ތިނަކާއި ހަމަޔަށް މެދު ކަނޑާލާފައެވެ.