ޗައިނާ

ޗައިނާގެ ހޫބެއި އިން ކޮވިޑް 19އަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ހަތަރު ދުވަސް!

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 އެންމެ ފުރަތަމަ އެންމެ ބޮޑަށް ފެތުރިގެން ދިޔަ ގައުމު ކަމަށްވާ، ޗައިނާއިން މިހާރު ވަނީ ބުރަ މަސައްކަތްތަކެއް ކޮށް ބަލި ކޮންޓްރޯލް ކޮށްފައެވެ.

އެގޮތުން އެގައުމުގައި ބަލި ފެތުރެން ފެށި ހިސާބު، ހޫބެއި އިން ބައްޔަށް ޕޮޒިޓިވް މީހަކު ނުފެންނަތާ އިއްޔެއަށް ވަނީ ހަތަރު ދުވަސް ވެފައެވެ. ނަމަވެސް އިއްޔެވެސް ހަ މީހަކު މަރުވެފައިވާ ކަމަށާއި 45 އިމްޕޯޓެޑް ކޭސް ފެނިފައިވާ ކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ)އިން ހާމަކޮށްފައި ވެއެވެ.

އިމްޕޯޓެޑް ކޭސް ތަކަކީ ބޭރުން ގައުމަކަށް އަންނަ މީހުންގެ ފުށުން ބަލި ފެނުމެވެ.

އެންއެޗްސީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެއާއި ހަމައަށް އެގައުމުން ޖުމުލަ 314 އިމްޕޯޓެޑް ކޭސް ވަނީ ފެނިފައެވެ.

ހުބެއިގައި މަރުވި މީހުންގެ އަދަދަކީ 3144 އެވެ. މުޅި ޗައިނާގައި މަރުވި މީހުންގެ އަދަދަކީ 3261 އެވެ. ޗައިނާގައި 81054 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

ޗައިނާގެ ގިނަ ސަރަހައްދުތައް މިހާރު ހުޅުވާލާފައި ވާއިރު، ބައެއް ސްކޫލުތަކުގެ ކިޔެވުމާއި އޮފީސްތަކުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އެންއެޗްސީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ޗައިނާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 72244 މީހުން ވަނީ ފަސޭހަވެ ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައެވެ.