އޭޑީކޭ ހޮސްޕިޓަލް

އަޚުލާގު ސުމަކަށް! އޭޑީކޭގައި އެންމެންގެ ރައްކާތެރި ކަމަށް ބަހައްޓާފައި ހުރި ސެނެޓައިޒާފުޅިތައް ވެސް ވަގަށްނަގަނީ

އިބްރާހިމް ޒަކީ

ދަންވަރުގެ ވަގުތުގައި، މާސްކް އަޅައިގެން ތިބޭ ބަޔަކު އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދަން ކަމަށް ހެދިގެން ގޮސް، އާއްމުން އަތް ސާފުކުރުމަށް އެ ހޮސްޕިޓަލުގެ އެކި ތަންތަނުގައި ބަހައްޓާފައި ހުންނަ ހޭންޑް ސެނެޓައިސް ފުޅިތައް ވަގަށް ނަގަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެގޮތަށް މީހަކު އަތް ދޮންނަ ފުޅިއެއް ވަގަށް ނަގަނިކޮށް ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް އެ ހޮސްޕިޓަލުން ވަނީ މީސް މީޑިއާގައި އާއްމު ކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ދަބަހެއް ހިފައިގެން ދާ މީހަކު ހިދުމަތް ހޯދަން މީހުން ތިބެން ބަހައްޓާފައި ހުންނަ ގޮނޑިބަރީގައި އިށީނދެ އިނުމަށްފަހު އެތަނުގައި ބަހައްޓާފައި ހުންނަ އަތް ދޮންނަ ފުޅި ނަގައި ދަބަހަށް ލައިގެން ދާ ތަނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ފުޅި ތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަހައްޓާފައި ހުންނަ އެއްޗެއް ކަމަށާއި އެފަދަ ތަކެތި ވަގަށް ނެގުމަކީ ވަރަށް ދެރަ ކަމެއް ކަަމެވެ. އަދި އެފަދަ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަަށްވެސް އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ އެތަކެތި ވަގަށް ނަގަން އަންނަ މީހުންނަކީ ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ ބައެއް ނޫން ކަމަށާއި، އެމީހުންނަކީ ހަމަ އެތަކެވި ވަގަށް ނަގަން އަންނަ މީހުން ކަމަށެވެ. އަދި އެމީހުން ދެނެގަތުމުގެ މަސައްކަތް ހޮސްޕިޓަލުގެ ސެކިއުރިޓީިން ކުރަމުން އަންނަ ކަމަށާއި، ހަމަޖައްސާފައި އޮންނަ އުސޫލުން އެކަން ފުލުހުންނަށް ވެސް ހުށަހަޅުއްވާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ސާފުތާހިރު ކަމަށާއި ގިނަގިނައިން އަތްދޮވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވާއިރު ހޭންޑްސެނެޓައިޒްގެ ޑިމާންޑް ވަނީ ބޮޑުވެފައެވެ.