މުނިފޫހިފިލުވުން

ފުރަތަމަ ދިވެހި ވެބް ސީރީޒް މިރޭ ދައްކަން ފަށަނީ

އަހުމަދު ޖައިޝަން

ބޮޑު ކާސްޓަކާއެކު ރާއްޖޭގައި އުފެއްދި ފުރަތަމަ ވެބް ސީރީޒް ކަމަށްވާ "ހުވާ" މިރޭ ދައްކަން ފަށަން ތައްޔާރުވެއްޖެ އެވެ.

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު، ފާތުމަތު ނަހުލާގެ ވާހަކައަކަށް ތައްޔާރުކޮށް ނެރޭ ވެބް ސީރީޒް އަކީ 12 ވަރަކަށް މިނެޓު އެޕިސޯޑްތަކެއް ހިމެނޭ ސީރީޒް އެކެވެ.

ނަހުލާ ބުނީ އެ ސީރީޒް މިރޭ ދައްކަން ފަށާނީ ރާއްޖޭގެ މުނިފޫހިފިލުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ކަމަށްވާ "ބައިސްކޯފް"ގައި ކަމަށެވެ.

އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިރޭ ރިލީޒްކުރާނީ 2100 ގައި ކަމަށް އޭނާ ބުންޏެވެ.

ނަހުލާ ބުނިގޮތުގައި ސީރީޒްގެ އާ އެޕިސޯޑް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ދައްކާނެ އެވެ.

މަޝްހޫރު ތަރީންނާއި ދާއިރާއަށް އަލަށް ނިކުންނަ ފަންނާނުންނާއެކު ގާތްގަނޑަކަށް 43 ވަރަކަށް އެކްޓަރުން އެ ސީރީޒް އިން ފެނިގެންދާނެ އެވެ.

ނަހުލާގެ "ހުވާ" އަކީ 70 އެޕިސޯޑްގެ ސީރީޒްއެއް ކަމަށް އޭނާ ވަނީ ކުރީން ހާމަކޮށްފައެވެ.