ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ހިއްސާކުރުމަށް އެމިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އަންނަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 8:30 ގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފައިވާކަމަށެވެ. އަދި އެބައްދަލުވުމުގައި މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގައި 24 ގަޑިއިރު ފިހާރަތައް ހުޅުވާފައި ބެހެއްޓުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލި އިރު، މީގެކުރިންވެސް މާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި ވެއެވެ.