އަލީ ޔާމިން
ކޮރޯނާވައިރަސްގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ރެއާއި ދުވާލު މެދުކެނޑުމެއްނެތި މަސައްކަތްކުރާ އެއް ބަޔަކީ ޑޮކްޓަރުންނާއި ނަރުހުންނެވެ. އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކޮށް އެ ފަރާތްތަކުން އެވަނީ މަތިވެރި ގުރުބާނީއެވެ. އެ ފަރާތްތަކުން އޮހޮރުވާ ދަލަކީ ގައުމީ ހިދުމަތަށްޓަކައި އޮހޮރުވާ ދަލެވެ. ހަމަނިދި ނުލިބި، އެ ފަރާތްތަކުން ކޮވިޑް 19އިން ރައްކާތެރިވުމަށް މަސައްކަތް ކުރާ އިރު، އެ ފަރާތްތަކުގެ އާދޭހަކީ އެންމެންވެސް މިދުވަސްކޮޅު ގޭގައި މަޑުކޮށްދެއްވުމެވެ.
"ވީ ސްޓޭ ހިއާ ފޮ ޔޫ. ޕްލީޒް ސްޓޭ ހޯމް ފޮ އަސް"، މިހެން ލިޔެ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މަސައްކަތްކުރާ އިންޓާނުންތަކެއް ވަނީ ދާދި ފަހުން މީސް މީޑިއާގައި ފޮޓޯއެއް ހިއްސާކޮށްފައެވެ. އައިޖީއެމްގެ އިންޓާނުން އެކަންޏެއް ނޫނެވެ. ހުރިހާ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރީންގެ އާދޭހަކީ އެއީއެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ގެތަކުން ނުނިކުތުމެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމެވެ. ފިނިބުރު ޖަހަންވިޔަސް ބޭރަށް ނުދިޔުމެވެ. ޑޮކްޓަރުންނާއި ނަރުހުންގެ މި އާދޭހުންވެސް މިކަމުގެ ހައްސާސީކަން ތަސައްވަރުކޮށްލެވެއެވެ.
ހުން އަންނާނެ ކަމަށް ރަޖާލުމަކީ، މިވަގުތަށް އެންމެ މުހިންމު ކަމެވެ. ކޮވިޑް 19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސް ނުވަނީސް އެކަމުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހެއެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ ސަރުކާރުންނާއި ކަމާ ބެހޭ އިދާރާތަކުން ކޮވިޑް 19އިން ދިވެހި މުޖުތަމައު ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރާކަމެވެ. މުސާރަ ހިނގާ ގޮތަށް ސަރުކާރުގެ މުވައްޒަފުންނަށް ހަފްތާއެއްގެ ޗުއްޓީއެއް މިވަނީ ދީފައެވެ. ކެފޭ ރެސްޓޯރެންޓުތަގައި ހިދުމަތް ނުދޭން މިވަނީ އަންގައިފައެވެ.
އޭގެ އިތުރުން ރިސޯޓުތަކާއި، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ވަގުތީގޮތުން މިވަނީ ހުއްޓާލެވިފައެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އަޑުގަދަ ކުރާއިންނާއި، މީސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެދަނީ ނަސޭހަތްތެރިވަމުންނެވެ. ބޭނުމަކީ ހަމަ އެންމެ ބޭނުމެވެ. ރައްކާތެރިކަން އިސްކުރުމެވެ. ބަލި އައިސް ފެތުރުމުގެ ކުރިން އެ ބަލިން މިންޖުވުމެވެ.
ބޭރަށް ނިކުމެ އުޅުން މަދުކޮށް އިޖުތިމާއީ ގައިދުރުކުރުމަށް ނުވަތަ ސޯޝަލް ޑިސްޓަންސިންއަށް ސިއްހީ އިދާރާތަކުންނާއި ފުލުހުން ބާރުއަޅަމުން އަންނައިރު އެކަމަށް ރައްޔިތުންވެސް ކަމޭ ހިތަން އެބަޖެހެއެވެ.
މިއީ އެންމެން އެކަތިގަނޑަކަށްވާންވީ ވަގުތެވެ. އެއްބައިވަންތަކަން ދައްކަންވީ ވަގުތެވެ. އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ސިއްހީ މާހިރުންގެ ބަސް ކަނުލައި އަޑުއަހައި އެއާ އެއްގޮތަށް އަމަލުތައް ބަހަށްޓަންވީ ވަގުތެވެ. ފަރުދީ ޒިންމާ ނަގައި "މަ ވެސް ގޭގައި މަޑުކުރާނަމޭ" ބުނަންވީ ވަގުތެވެ.