އިންޑިއާ

ކޮވިޑް 19 : އިންޑިއާގައި އަންނަ އާދިއްތަ ދުވަހު ކާފިއު އިއުލާނު ކުރަނީ

މިންހާ ފާއިޒް ރަޝާދު

އިންޑިއާ އަަށް ދާ ހުރިހާ ފްލައިޓުތަކެއް ކެންސަލްކޮށް، އެއްދުވަހުގެ ކާފިއުއެއް އިއުލާނުކުރަން ބޮޑުވަޒީރު ނަރެންދްރާ މޯދީ ނިންމަވައިފިއެވެ.

މޯދީ އެގޮތަށް ނިންމެވިކަން އިއުލާނުކުރެއްވީ ކޮވިޑް19 އާ ގުޅޭގޮތުން އިއްޔެ ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އާދިއްތަ ދުވަހު ހެނދުނު ހަތަކުން ރޭގަނޑު ނުވައަކަށް އެގައުމުގެ ހުރިހާ ސްޓޭޓަކަށްވެސް ކާފިއު އިއުލާނު ކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އެއީ މިވަގުތު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ކުރެވެން އޮތް އެންމެ ފަސޭހަކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޭނުންވަނީ ގައުމުގެ މުސްތަގުބަލަށް ވިސްނަން. ކުރިއަށް ހުރި ގޮންޖެހުންތަކަށް ކުރިމަތިލުމަށް ތައްޔާރުވުމަށް،" މޯދީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

1.3 ބިލިޔަން އާބާދީގެ އިންޑިއާގައި ކޮވިޑް19 އަށް ޕޮޒިޓިވް 173 ފަރާތެއް މިހާތަނަށް ހޯދިފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފައެވެ.

29 މިނެޓުގެ މޯދީގެ އެ ބަސްދީގަތުން އައީ އިންޑިއާއިން ހުރިހާ އެރައިވަލް ފްލައިޓުތަކެއް ކެންސަލް ކުރިކަން އިއުލާންކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

އެގައުމުގައި މީގެ ކުރިން އޮން އެރައިވަލް ވިސާ ކެންސަލްކޮށްފައިވާއިރު، ގައުމަށް ދާ ކޮންމެ މީހަކުވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.

ތާޖް މަހާލް އާއި އިތުރު އެހެން ހުރިހާ މޮނިއުމަންޓުތަކެއްވެސް އިންޑިއާގައި މިވަގުތު އޮތީ ބަންދުކޮށްފައެވެ.