ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދީފައިވާކަމަށް ބުނާ 29 މިލިއަން ރުފިޔާ ހަތް ދުވަސްތެރޭގައި ނުދައްކަވައިފިނަމަ، ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ކުރީގެ ރައީސް މައުމޫންއަށް 29 މިލިއަން ރުފިޔާ އޭނާގެ އަމިއްލަ ފައިސާއިން ދެއްވައިފައިވާނެ ކަމަށެވެ.
އަދި އެފައިސާ ދެއްވީ އަނބުރައި ދައްކާގޮތަށް ކަމަށާއި، އެހެންކަމުން މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަސް ތެރޭ ފައިސާ ނުދައްކަވައިފިނަމަ، މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވިގޮތުގައި އެފައިސާ ދެއްވީ ރައީސް ނަޝީދާއި އިމްރާން އަބްދުﷲ އާއި ގާސިމް އިބްރާހީމްއާ ގުޅިވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ރައީސް މައުމޫން މަސައްކަތްކޮށްދެއްވުމަށް އެއްބަސްވެވަޑައިގެންނެވެ.
ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދިން ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް މައުމޫންގެ އޮފީހުން ރޭ ވަނީ އެކަން ދޮގުކުރައްވާފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ރައީސް މައުމޫންގެ ފަރާތުން ކެމްޕެއިންގައި މަސައްކަތް ކުރި އެއްވެސް ފަރާތަކަށް ޖާބިރު ފައިސާ ދީފައި ނުވާ ކަމަށް މައުމޫން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.