ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލިސް އިންތިޚާބާ މެދު ވަކިގޮތަކަށް އެއްބަސް ނުވެވޭކަން ލީޑަރުންގެ ވާހަކަތަކުން އެނގިއްޖެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓުން ނެރޭނެ ގޮތަކާ މެދު ކޯލިޝަން ލީޑަރުންގެ މެދުގައި ގޮތަކަށް އެއްބަސްނުވެވޭކަން އެބޭފުޅުންގެ ވާހަކަފުޅުތަކުން އެނގިއްޖެ އެވެ.

އަންނަ މާޗު މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކޯލިޝަންގެ ހުރިހާ ލީޑަރުންނާއި އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ ބައްދަލުވުމެއް މިއަދު ހެނދުނު ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އޮފީހުގަ އެވެ.

އެ ބައްދަލުވުމަށް ފަހު ކޯލިޝަންގެ ލީޑަރުން ވަނީ ވަކިވަކީން މީޑިއާއާ ވާހަކަފުޅު ދައްކަވައިފަ އެވެ. ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވި އިރު، އެބޭފުޅުންގެ ވާހަކަފުޅުން ސާފުކޮށް އެނގިގެން ދިޔަ ކަމަކީ މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ނެރުމުގެ މައްސަލައިގައި ޚިޔާލުތަފާތުވުން ހުރި ކަމެވެ.

ބައްދަލުވުމަށް ފަހު އެންމެ ފުރަތަމަ މީޑިއާއާ ވާހަކަފުޅުދެއްކެވީ ރައީސް މައުމޫނުވެ. އެމަނިކުފާނު ވިދާޅުވީ މިއަދުގެ ބައްދަލުވުން ބޭއްވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގޮނޑިތަކަށް ވާދަކުރާނެ ގޮތެއް ކަނޑައެޅުމަށް ޓަކައި ކަމަށެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުން ކުރިޔަށް ދިޔައީ ވަރަށް ވެސް އެކުވެރިކޮށް. އަޅުގަނޑުމެން މިއަދު މި ނިންމީ މި ކަމުގައި އަދިވެސް މަޝްވަރާކޮށް ވާހަކަދައްކައިގެން ގޮތެއް ނިންމަން." ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ މައްސަލައިގައި ވާހަކަދެއްކެން ހުރި ހުރިހާ ގޮތަކަށް މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދެއްކެވި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ. މިއީ އެކަށީގެންވާ ޓެކްނިކަލް މަސައްކަތްވެސް އެކުލެވޭ މަސައްކަތެއް. އަޅުގަނޑުމެން މި ބަލަނީ މާދަމާއާ ހަމައަށް ގޮތެއް ނިންމޭނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ މައްސަލައިގައި ރައްޔިތުން ނާއުއްމީދު ނުވާނެ ފޯމިއުލާއެއް ނެރުއްވާނެ ކަމަށެވެ.

"އެއީ މެޖިކް ފޯމިއުލާއެއްތޯ ތިޔަބޭފުޅުން ސުވާލު ނުކުރައްވާތި. އެކަމަކު ރައްޔިތުން ޑިސަޕޮއިންޓް ނުވާނެ ފޯމިއުލާއެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނެރޭނަން." ގާސިމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މީގެ ކުރީން ވެސް ކަންކަން ހައްލުކޮށްފައި ވަނީ މަޝްވަރާކޮށްގެން ކަމަށާއި މިކަމުގައި ވެސް ނިކުންނާނީ އެންމެ މަސްލަހަތު ހުރި ގޮތަކަށް ބަލައިގެން އެގޮތަކަށް ކަމަށެވެ.