ދައުލަތުގެ މުއައްސަސާތަކުން އަމިއްލައަށް ދައުވާތައް ކުރެވޭނެ ގޮތް ސުޕްރީމް ކޯޓުން ހަދައިދީފިއެވެ.
މުއައްސަސާތަކުން އެކިއެކި ކަންކަމުގައި އަމިއްލައަށް ދައުވާތައް ނުކުރެވޭ ގޮތަށް އޮންނަ އޮތުން މިހާރު ސުޕްރީމް ކޯޓުން ވަނީ އުވާލައިފައެވެ. މީގެ ކުރިން ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުން ދައުވާތައް ކުރާނީ އަދި ދައުލަތުގެ އެންމެހާ މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލްކުރާނީ ބަންޑާރަ ނައިބެވެ.
ސުޕްރީމް ކޯޓުން ނެރުނު އާ އުސޫލުގައިވާ ގޮތުން، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ގާނޫނުއަސާސީއާއި ގާނޫނެއްގެ ދަށުން ލިބިފައިވާ ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކުން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި އަދި ދައުލަތުގެ އެފަދަ މުއައްސަސާތަކާއި އިދާރާރާތަކަށް ދައުވާ ލިބޭގޮތަށް ހުށަހެޅޭ މައްސަލަތަކުގައި އެ މުއައްސަސާއެއް ނުވަތަ އެ އިދާރާއެއް ތަމްސީލުކުރާނީ އެ މުއައްސަސާއަކުންނެވެ.
އެފަދަ މުއައްސަސާތަކުންނާއި އިދާރާތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައާއި، އެފަދަ މައައްސަސާތަކާއި އިދާރާތަކަށް ދައުވާ ލިބޭގޮތަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް ހިމެނޭ ކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު، އަދި ކޯޓުން އެދިއްޖެ ހިނދެއްގައި އެ މައްސަލައެއް ހިނގަމުންދާ އިރު، ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކޯޓަށް ހާޒިރުވެ ވާހަކަ ދެއްކިދާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.