ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ކެމްޕެެއިން ޖަގަހަ ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެގެންދާނީ ޑިމޮކްރަސީގެ ހަޔާތުގައި މިނިވަންކަމާއެކު ބޭއްވޭ އެންމެ ފުރިހަމަ އިންތިޚާބަށް ކަމަށެވެ. މިފަހަރުގެ އިންތިޚާބަކީ ޑިމޮކްރަސީގެ ހަޔާތުގައި އާ ރައީސަކު ހުންނަވައިގެން ބޭއްވޭ ފުރަތަމަ އިންތިޚާބު ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުން ޓިކެޓް ކަށަވަރުކުރާ ކެންޑިޑޭޓުގެ ފަހަތުގައި ތިބެންޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝިދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެންމެ ގިނައިން ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ ވަރަށް ހިތާމަވެރި އަނދިރި ދުވަސްތަކާ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ހިތްވަރު ލިބިވަޑައިގެން އެނބުރި ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމުން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުވެގެން ދިއުމުން ކަމަށެވެ.

''އަޅުގަނޑުގެ ހަޔާތުގައި ގިނައިން ދިމާވެފައި ހުރީ ހިތާމަވެރި އަނދިރި ދުވަސްތައް. އެކަމަކު ކޮންމެ ފަހަރަކު ހިތްވަރު ލިބިގަނެގެން އެނބުރި އަންނަނީ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުވެގެން ދިއުމުން އަޅުގަނޑަށް އެނބުރި ރާއްޖެ އާދެވުނީ. އަބަދުވެސް އުޅެން ބޭނުންވަނީ ރާއްޖޭގައި. ތިޔަ ބޭފުޅުންނާއެކު.'' ނަޝީދު ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ ޕްރައިމަރީގައި އެމްޑީޕީގެ ހަތް މީހަކު ވާދަކުރާނެ ކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ވަކި ގޮތަކަށް ބަހައިފައެއް ނުވެ އެވެ.