އިބްރާހިމް ޒަކީ
ކޮވިޑް 19 އަށް ފެތުރެމުންދާ މި ދަނޑިވަޅުގައި ނަޖާއިޒް ފައިދާ ނެގުމަށް ޑޮނޭޝަންގެ ގޮތުގައި ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ސަމާލު ވުމަށް ފުލުހުން ބުނެފިއެވެ.
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުން ކުރިޔަށް ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ފައިރޫޝް ވިދާޅުވީ، މި ދަނޑިވަޅުގައި ބަޔަކު މީހުން މިކަމުަގެ ނާޖާއިޒް ފައިދާތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި އެކި ކަންކަމަށް ޑޮނޭޝަންގެ ގޮތުގައި ފައިސާ ހޯދުމުގެ މަސައްކަތްތަކެއް ބަޔަކު ކުރިއަށްގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވެ ހަގީގަތް ރަނގަޅަށް ބެއްލެވުމަށް އެދި ވަޑައިގެންނެވިއެވެ.
ފައިރޫޝް ވިދާޅުވީ އެކަމަށް ޑޮނޭޝަންގެ ނަމުގައި ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދޭ ފޯނުކޯލުތަކެއް އައުންވެސް އެކަށީގެންވާ ކަމަށެވެ. އެހެން ކަމުން އެކަންކަމަށް ސަމާލުވުމަށް ފުލުހުން އެދެއެވެ.