ކޮވިޑް19 ގެ ސަބަބުން އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި ބޯޑަރުތައް ބަންދު ކުރަމުން އަންނައިރު ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އިންޑިއާގެ ފިލްމު އުފައްދާ ހުރިހާ ފަރާތްތަކެއް ގުޅިގެން މިއަދުން ފެށިގެން މިމަހު 31ގެ ނިޔަލަށް ހުރިހާ ފިލްމާއި ޓީވީ ޝޯތަކާއި ވެބް ސީރީޒް ތަކުގެ ޝޫޓިންތައް ވަނީ މެދުކަނޑާލައިފައެވެ. އެހެން ކަމުން ބޮލީވުޑް ތަރިން ކުރިއަށް އޮތް ދެ ހަފުތާތެރޭ ތިބޭނީ ހޯމް އައިސޮލޭޝަނުގަ އެވެ.
ގޭގައި އެކަހެރިވެގެން އުޅުން (ސެލްފު ކަރަންޓީން ނުވަތަ އައިސޮލޭޝަން) ގިނަ ބަޔަކަށް އެހާ ފަސޭހަ ނުވާއިރު ތަރިން އަންނަނީ ފޭނުން ފޫހި ފިލުވައިދިނުމުގެ ގޮތުން އެމީހުން ގޭގައި ކުރާ އެކި ކަހަލަ ކަންތައްތައް ހިއްސާކުރަމުންނެވެ.
އެގޮތުން އަރްޖުން ކަޕޫރު ގެ މީސް މީޑިއާގައި "ރައިމް" ކުރާ ވީޑިއޯއެއް ހިއްސާކޮށްފައިވާއިރު އަޔުޝްމަން ކުރާނާ ހޭދަކުރީ އާއިލާއާއެކު ކުރެހުމުގައެވެ.
ބަތަލާ ކެޓްރީނާ ކައިފް މިވަނީ އާ ކަމެއް ދަސްކުރަން ފަށާފައެވެ. އަޑުނުލައި ކެޓްރީނާ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓުގައި ފެންނަނީ ގިޓާ ކުޅެ ލަވަ ކިޔާ މަންޒަރެވެ.
ޕޯސްޓުގެ ކެޕްޝަނުގައި ވަނީ "ވޯކް އިން ޕްރޮގްރެސް، ސައުންޑް ކަމިން ސޫން އިން ފިއު ޑޭސް" އެވެ.
ކެޓްރީނާ އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރުއާއެކު ފިލްމު "ސޫރްޔަވަންޝީ" އިންނެވެ. އެ ފިލްމު ރިލީސްކުރުން ވަނީ ކޮވިޑް19އާ ގުޅިގެން ފަސްކޮށްފައެވެ.
އިންޑިއާގައި ކޮވިޑް19 އަށް ޕޮޒިޓިވް 157 މީހުން ފެނިފައިވާއިރު ތިން މީހަކު ވަނީ މަރުވެފައެވެ.
މިބަލިން ރައްކާތެރިވުމަށް ވީހާވެސް ގިނައިން އަތް ދޮވެ، ސާފުތާހިރުކަން އިސްކޮށް އެކަހެރިކޮށް އުޅުމަށް ސިއްހީ މާހިރުން ވަނީ ލަފާދީފަ އެވެ.