ރައްޔިތުންގެ މަޖިލިސް

މަޖިލީހުން މުސާރަ ކަނޑައަޅާ 30000 އަށްވުރެ މަތީން ލިބޭ މީހުންގެ މުސާރައިން 20 ޕަސެންޓު އުނިކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް، ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ހުރިހާ މަގާމުތަކެއްގެ 30،000 އަށްވުރެ މަތިން ހިމެނޭ ހުރިހާ މުސާރަތަކުން 20 ޕަސެންޓް އުނިކޮށް އެކަން މަހަކު އެއްފަހަރު މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ، އިންތިހާބީ މަގާމުތަކާއި މިނިވަން މުއައްސާތަކުގެ އިތުރުން ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މަގާމުތަކެވެ.

އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއި، ކޯޓުތަކުގެ ފަނޑިޔާރުންވެސް ހިމނެިވަޑައިގަންނަވައެވެ.

މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރައިން 20 ޕަސެންޓް ކުޑަކުރަން މަޖިލީހުން މިއަދު ފާސްކޮށްފައި މިވަނީ، ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށެވެ.

ފިނޭންސް މިނިސްޓަރު އެގޮތަށް އެދިވަޑައިގެންފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރި ކުރައްވައި، މެންބަރުންގެ މުސާރަ 20 ޕަސެންޓަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީންނެވެ.

އެ ހުށަހެޅުން މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލިސް މެންބަރުންނާއެކު، މަޖިލީހުން 30،000 ރުފިޔާއަށްވުރެ މަތިން ކަނޑައަޅާފައިވާ މުސާރަތަކުން 20 ޕަސެންޓް އުނިކުރަން ނިންމައި އެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅިއެވެ.

މުސާރަތަކުން 20 ޕަސެންޓް އުނިކުރަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 74 މެންބަރުންގެ ވޯޓުން ކޮމިޓީ ރިޕޯޓް ފާސްކޮށްގެންނެވެ.

މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުގައި ބުނެފައިވަނީ، "ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އިނާޔަތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެއަށްވުރެ މަތިން ކަނޑައަޅާފައިވާ މުސާރަތަކުން، މާޗް މަހު އަދި އެޕްރީލް މަހަށް ވާ އަސާސީ މުސާރައިން 20 ޕަސެންޓް އުނި ކުރުމަށް ނިންމިއެވެ. އަދި އެނިންމުން ކޮމިޓީން ކޮންމެ މަހަކު އެއް ފަހަރު މުރާޖައާ ކުރުމަށް ނިންމަން،" ކަމަށެވެ.