ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ މުސާރަ އުނިކުރަން 2 ޖަހާއިރު މަޖިލިސް ޖަލްސާއެއް ބާއްވަނީ

އިބްރާހިމް ޒަކީ

މިހާރު ނުރައްކާތެރި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ހަރަދު ކުޑަކުރަން ހުށަހަޅާ ފިޔަވަޅުތަކުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ބައެއް އުނިކުރުމާބެހޭގޮތުން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު 2:00 ގައި ބާއްވަން ނިންމައިފި އެވެ.

އެއްގަޑި ފަނަރަ އެހާކަންހާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މިމަހުގެ މުސާރަތައް ޕޯސްޓް ކުރުމުގެ ކުރިން މެންބަރުންގެ މުސާރަ އުނި ކުރުމާބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

އެހެންކަމުން އެކަމުގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ހުށަހެޅުން އެ ކޮމިޓީން ނިންމައި އެކަމުގެ ރިޕޯޓް މަޖިލީހަަށް ހުށަހެޅުމުން މަޖިލީހުން މިއަދު ގޮތެއް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރުންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން އެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.