ރައްޔިތުންގެ މަޖިލިސް

މަޖިިސް މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް ދެމަސް ދުވަހަށް އުނި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމިޓީގެ ހަތް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރަން ކޮމިޓީން ފާސްކުރީ ހަ މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން ހަރަދު ކުޑަ ކުރުމަށްޓަކައި، މަޖިލީހުގެ ހަރަދު ތަކުގެ ތެރެއިން 19.3 މިލިޔަން ރުފިޔާ ބާކީ ކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްްޔިތުންގެ މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން މަޖިލިސް މެންބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކުރުމަށް މަޖިލިސް ރައީސް މެދުވެރި ކުރައްވައި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅީ ވެރިކަންކުރާ ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީންނެވެ.

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ.

އެހެންކަމުން މެންބަރުންގެ މުސާރައިގެ 20 ޕަސަންޓަށް ވަނީ 8،500 އެވެ.

މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސް ހަމަޖެހިފައި އޮވެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސަކާއި ކޮމިޓީ އެލަވަންސްގެ 20،000 ރުފިޔާއެވެ.