ސުޕްރީމް ކޯޓް

ކޮވިޑް 19 : ސުޕްރީމްކޯޓުގެ ހުރިހާ އަޑުއެހުންތަކެއް ކެންސަލްކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާގުޅިގެން، ސުޕްރީމްކޯޓުގެ ހުރިހާ އަޑުއެހުންތަކެއް މާދަމާއިން ފެށިގެން ކެންސަލް ކުރަން ނިންމައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން އަޑުއެހުންތައް ކެންސަލްކޮށް ސުޕްރީމް ކޯޓުން ނެރުނު ކުރު އެންގުމެއްގައި ބުނެފައިވަނީ، މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ތާވަލް ކޮށްފައިވާ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ އަޑުއެހުންތައް ވީއެންމެ އަވަހަކަށް ތާވަލް ކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ އެންގުމުގައި ބުނެފައިވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން މާދަމާއިން ފެށިގެން ހަފުތާއަކަށް ސަރުކާރު ބަންދު ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާއިރު، ވަކި އުސޫލެއްގެ ދަށުން މުހިއްމު މަސައްކަތްތަކަށް ކުރިއަށް ގެންދިއުމަށް އަމާޒު ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.

މީގެ އިތުުން ރާއްޖޭގައި މިހާލަތާ ގުޅިގެން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައި އިއްޔެ ވަނީ އާއްމުކޮށްފައެވެ.

ޖޭއެސްސީން ބުނީ އެ އުސޫލުގެ ދަށުން އަޅަން ނިންމި ފިޔަވަޅުތަކަކީ ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދު ނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.