ރައްޔިތުންގެ މަޖިލިސް

އިންތިހާބު ފަސްކުރަން އެދި އީސީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އަންނަމަހުގެ 18 އަށް ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިތުރަށް ފަސް ކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން އަނބުރާ ނަގައިފިއެވެ.

އެމައްސަލަ ސުޕްރީމްކޯޓުން ނަގާފައިވާކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ މައްސަލަ އަނބުރާ ނެގީ އިންތިހާބު ބާއްވާ ތާރީހު ފަސް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބުނެފައިވާތީ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް 19ގެ ސަބަބުން އެމަހު 18 އަށް އީސީން ފަސް ކޮށްފައި ވަނިކޮށް، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އިންތިހާބު އިތުރަށް ލަސްކުރަން ބޭނުވާ ކަމަށް އީސީން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.

އެއީ އޭޕްރީލް 18 އަކީ އިލެކްޝަން ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހުގެ މުއްދަތު ކަމަށް ވާތީއެވެ.

ނަމަވެސް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމްކޯޓަށް ހުށަހެޅީ އިންތިހާބު ފަސްކުރާއިރު، އިންތިހާބު ކޮށްފައި މިހާރު ތިއްބެވި ކައުންސިލް މެންބަރުންގެ މުއްދަތަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށް ބަލައި އެކަމުގައި ދުސްތޫރީ މައްސަލައެއް ހިމެނޭތީ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ މައްސަަލަ ރޭ ކޮމިޓީން ބަލައި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ނުދިއުމަށް އެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ. އަދި މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ކޮމިޓީން ރޭ ވަނީ ދީފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްލަވުމުގައި އެކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އިންތިހާބު ފަސްކުރުމަށް ކޮމިޓީގެ ތެރެއިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.