ރީކޯ މޫސާ މަނިކް

ރީކޯ މޫސަގެ މޯ ހޮޓެލްސް ކޮވިޑް 19ގެ ބޭނުން ތަކަށް ދެއްވައި، ރަހާ ރިސޯޓު މޭ މަހުގެ ނިޔަލަށް ބަންދުކުރައްވައިފި

4

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ މޫސަ) ގެ މޯ ހޮޓެލްސްއިން ލާމު ގަމުގައި ހިންގާ މޯ ހޮޓެލް ކޮވިޑް 19 ގެ ބޭނުން ތަކަށް ސަރުކާރަށް ދެއްވައި، ރަހާ ރިސޯޓް މޭ މަހުގެ ނިޔަލަށް ބަންދުކޮށްފި އެވެ.

ރަހާ ރިސޯޓު ބަންދުކުރިކަން އިއުލާނުކޮށްފައި ވަނީ އެ ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގަ އެވެ. މިއީ ރާއްޖޭގއެ ރިސޯޓަކުން އެ ރިސޯޓުގެ އަމިއްލަ އިސް ނެގުމަށް ރިސޯޓެއް ބަންދުކުރިކަން ރަސްމީކޮށް އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

މި ކަމާ ގުޅިގެން ވަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޫސަ މިއަދު ވިދާޅުވީ، ރިސޯޓުގައި ތިބި ހުރިހާ ޓޫރިސްޓުން މިދިޔަ މުއްދަގތުގެ ތެރޭގައި ފުރުވާލާފައިވާ ކަމަށާއި އެންމެ ފަހުން ތިބި މީހުން ފުރުވައިލީ އިއްޔެ ކަމަށެވެ. މުވައްޒަފުންގެ ތެރެއިން، ބިދޭސީ މުވައްޒަފުން ބޭނުން ނަމަ، ޗުއްޓީ ލިބޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ބިދޭސީން މުވައްޒަފުން ބޭނުން ނަމަ ޗުއްޓީ ލިބޭނެ. ދިވެހި މުވައްޒަފުންނަށް ރަށުން ދެވޭނެ ގޮތެއް މިވަގުތު ނެތް، އެއީ ސަރުކާރުން މި އޮތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަން މަނާކުރައްވާފަ. މުވައްޒަފުންގެ ހުރިހާ ކަމެއްގެ ރިސޯޓުގައި ހަމަޖެހިފައި ހުންނާނެ. އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނެ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ލ. ގަމުގައި މޯ ހޮޓެލްސް އިން ހިންގަމުން އަންނަ 30 ކޮޓަރީގެ ގެސްޓްހައުސް، ކޮވިޑް 19އާއި ގުޅިގެން ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ދޫކުރައްވާފައިވާ ކަމަށެވެ. އެ ތަނުގައި ވެސް ކޮންމެސް ވަރަކަށް މުވައްޒަފުން ވެސް ތިބޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ކޮވިޑް 19 އަށް ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. އެ ގޮތުން މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ސަރުކާރު ބަންދުކުރަން ނިންމިކަން އިއްޔެ ވަނީ އިއުލާނުކުރައްވާފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ސިޓީ ހޮޓާ ތަކާއި ގެސްޓްހައުސްތައް ވެސް ބަންދުކުރަން ނިންމިކިން އިއްޔެ ވަނީ އިއުލާނުކުރައްވާފަ އެވެ. މީގެ އިތުރުން، މާލެ އާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ވެސް ހުއްޓާލަން ނިންމިކަން މިއަދު ހެނދުނު ވަނީ އިއުލާނު ކުރައްވާފަ އެވެ. މީގެ ކުރީން ސަރުކާރުން ވަނީ، ރާއްޖޭގެ ރިސޯޓުތަކުން ރަށްރަށަށް މީހުން ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވެސް މަނާކޮށްފަ އެވެ. ހަމަ މިއާއި އެކު، ސްކޫލުތަކާއި ކިޔަވައިދޭ އެންމެހައި މަރުކަޒުތަކާއި ސިނަމާތަކާއި ކުޅިވަރުކުޅޭ މައިދާން ތަކާއި ޕާކުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މީހުން ގިނައިން އެއްވެ އުޅުމަކީ ކޮވިޑް 19 ހަލުވިކޮށް ފެތުރިގެން ހިނގައިދާނެ އެންމެ މައިގަނޑު ސަބަބު ކަމަށް ވާތީ، މީހުން އެއްވެ އުޅޭ ޒާތުގެ ހުރިހާ ކަމެއް ހުޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ކަމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްދެއްވުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟