މަޖިލީހުގެ ރައީސް

މަޖިލިސް ބަންދެއް ނުކުރެވޭނެ، މެންބަރުން ތިއްބަވަންޖެހޭނީ ކޮންމެ ގަޑިއަކުވެސް ވަޑައިގެންނެވޭގޮތަށް: މަޖިލިސް ރައީސްް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅު ތަކުގެ ތެރެއިން، މާދަމާއިން ފެށިގެން، ކުރިއަށް އޮތް ހަފްތާއަށް ސަރުކާރު ބަންދުކުރި ނަމަވެސް ރައްޔިތުންގެ މަޖިލިސް ބަންދު ނުކުރެވޭނެ ކަމަށާއި، މަޖިލިސް ބަންދު ނުވެސް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން މާދަމާއިން ފެށިގެން ސަރުކާރު ބަންދު ކުރެއްވުމަށް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ޖަލްސާތައް މެދު ކަނޑައިލުމަކީ، މަޖިލިސް ގަވާއިދުގެ 247 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންވާ ބާރެއް ކަމަށެވެ. ނަމަވެސް މަޖިލިސް ބަންދު ނުވާ ކަމަށާއި މަޖިލިސް ބަންދު ނުވެސް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަޖިލީހުގެ ޖަލްސާތައް މެދުކަޑާލުމުގެ ބާރާއި އިހުތިޔާރު މަޖިލީހުގެ ރިޔާސަތަށް ލިބޭ. އެއީ މަޖިލީހަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް، މި މަޖިލިސް ބަންދެއް ނުވޭ ބަންދެއް ނުވެސް ކުރެވޭނެ، މިބާވަތުގެ ހައްސާސް ވަގުތެއްގައެއް، މަޖިލީހުން ބަލަހައްޓަން ޖެހޭ ކަންކަން މަޖިލީހުން ބަލަހައްޓަމުން ގެންދަން ޖެހޭނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން އެދިފައިވާ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ބޭނުންވާ ގާނޫނު ފާސްވާން ޖެހޭ ކަމަށާއި، މިހާރު ހުރި ކައުންސިލަތަކުގެ މުއްދަތު އަންނަ ޖޫން މަހަށް ވުރެ ދިގުދެމިގެން ދާނަމަ އެކަަމަށްވެސް މަޖިލީހުން ފަރުވާއެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިހާރު ފެތުރެމުން މިދާ ކޮވިޑް 19 ރޯގާއާ ގުޅިގެން އަޅާ ފިޔަވަޅުތަކާއެކު ދެން ދިމާވާ އަދި ދިމާވެދަނެ އެތައް ކަމެއްގެ އަންދާޒާ މަޖިލިސް މެންބަރުންގެ ކިބައިގައި އޮންނަން ޖެހޭނެ ކަމަށާއި އެކަންކަން މަޖިލީހުން ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ ވަގުތަކު އަދި ކޮންމެ ގަޑިއަކުވެސް މެންބަރުންނަށް ދަންނަވަން ޖެހިދާނެ ކަމަށާއި މެންބަރުން ތިއްބަވަން ޖެހިވަޑައިގަންނަވާނީ އެކަމަށް ތައްޔާރުވެ، ކޮންމެ ގަޑިއެއްގައި ވެސް އެއްވެވޭ ގޮތަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެންބަރުން އެގޮތަށް ތިއްބެވި ނަމަވެސް މަޖިލީހުގެ މުވައްޒަފުންނާއި މަޖިލީހުގެ ގިނަ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުން މަޑު ކުރައްވާނީ ގޭގައި ކަމަށާއި، ނަމަވެސް އެއީ އެބޭފުޅުންނަށް ލިބޭ ޗުއްޓީއެއް ނޫން ކަމަށެވެ. ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވޭނެ ގޮތް އެބޭފުޅުންނަށް މަޖިލީހުން ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.