ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތީ ބާރުތަކުން ހުރަސްއެޅި މައްސަލަ ބެލައިދިނުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)، އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އިމްތިޔާޒް ކޮމިޓީގެ މުގައްރިރަށް އިންތި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުނު މައްސަލައިގެ ވޯޓު ނަގަން ޖެހޭ ދުވަސްކަމުގައިވާ 24 ޖުލައި 2017ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވުމުން، ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހަށް ހާޒިރުވުމަށް ދިޔަ ހިނދު ހިނގާދިޔަ ހާދިސާއަކީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަން އައި ކަމަކަށްވުމާއި އަދި އެކަމަކީ އެންމެ އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމަށެވެ.
އެ ހާދިސާގައި މަޖިލީހުގެ މެމްބަރުން މަޖިލިސްކުރާ ގެއަށް ވަނުމަށް ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ސިފައިންނާ ފުލުހުން ހުރަސްއަޅައި، އެ މެމްބަރުންގެ ގަޔަށް އަތްލައި ގަދަކަމުން އެ މެމްބަރުން ހިފަހައްޓަން މަސައްކަތްކޮށްފައިވުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންގެ ގަޔަށް ފިރިހެން އެސްއޯ ފުލުހުން އަތްލައި، އަދި މެމްބަރުން ލޮލަށް އެސްއޯ ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހާފައިވުމާއި، އަންހެން މެމްބަރުންގެ ލޮލަށް ވެސް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަން އިންތިގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން މަޖިލީހުގެ ތެރެއަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަދެގަނެ، މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި އަނިޔާވެރިވެފައިވުމާއި، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުގެ އޮފީސް ކޮޓަރިކޮޅުގެ ދޮރު ގަދަކަމުން ހުޅަވައި، އެތަނުގެ ތެރެއަށް އެސްއޯ ފުލުހުންނާއި ސިފައިން ވަދެގަނެފައިވުމާއި އަދި މެމްބަރުންގެ ގަޔަން އަތްލައި ދަމާ ކޮށްޕައި މަޖިލީހުން ބޭރު ކޮށްފައިވާ ކަމަށް އިންތިގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެ ސިޓީގައި އިންތި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހަށް ވަނުމާއި ނުކުތުމަކީ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުމެ ހުއްދަވެގެންވާ ކަމަކަށްވުމާއި، އަދި އެގޮތުގެ މަތިން އަބަދުވެސް އަމަލުކުރެވެމުން ގޮސްފައިވުމާއި، ސިފައިންނާއި ފުލުހުންނަށް އެކަން މަނާކުރެވޭނޭ ގާނޫނީ އެއްވެސް ހަމައެއް ނެތުމާއި، އަދި ބުނެވެދިޔަ ދުވަހު ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނުވަދެވޭނޭ ކަމަށް އެއްވެސް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުން ވެސް އަންގާފައި ނުވުމާއި، އަދި އެގޮތަށް އެންގިދާނޭ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާ އިރު ނިޒާމު ގެއްލުވާލުމުގެ ސަބަބުން މެމްބަރެއްގެ ނަން އިއްވައި އެ މެމްބަރަކު ތަޅުމުން ބޭރަށް ނެރެން ޖެހޭ ހާލަތެއްގައި ވެސް އެކަން ކުރުމަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަން ވެސް އެ ސިޓީގައި އިންތި ފާހަގަކުރެއްވިއެވެ.
އިންތިގެ ސިޓީގައި ވިދާޅުވެފައިވަނީ އެ އަމަލުތައް ހިންގުމުގެ ޒިންމާ ނަގަންޖެހޭ ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަތައް ކޮމިޓީއަށް ހާޒިރުކުރުމަށް އެދޭ ކަމަށެވެ.