ޝަހީދާ އަބްދުﷲ ސައީދު
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންވި ވައުދުފުޅާ އެއްގޮތަށް އިސްލާމްދީން ހިމާޔަތްކުރަން ސަރުކާރުން މަސައްކަތްކުރާ ތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނުމުން، އިސްލާމް ދީނާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ފެނިވަޑައިގެންފި ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދީން ހިމާޔަތް ކުރާނެކަމުގެ ދަޅަ ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް ވަޑައިގެން ނަމަވެސް، އިސްލާމް ދީން ހިމާޔަތްކޮށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އަދި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރައްވާނެ ކަމަށް ސަރުކާރުން ބުނުމަކީ އިސްލާމް ދީނަށް ގޮންޖަހައި ހައްދުތަކާ ދެކޮޅަށް ވަކާލާތު ކުރުން ކަމަށާއި، އެއީ މުސްލިމެއްގެ ހައިސިއްޔަތުން ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
''އިއްޔެއަކީ ވަރަށް ހިތާމަވެރި ދުވަހެއް. އިސްލާމް ދީނަށް ގޮންޖަހައި ހައްދުތަކާ ދެކޮޅަށް ވަކާލާތުކުރި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. މިއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން އައިސް ރިޔާސީ ވައުދުފުޅާއި ޚިލާފްވި ތަން މިފެނުނީ.'' ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ވިންދާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ ހައްގުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށާއި، ވަޒީރުންނަށް ރުހުން ދެއްވާނެ ކަމަށެެވެ.
ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުން ބުނުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ހިމެނެއެވެ.