މޯލްޑިވްސް ޑިމޮކްރެޓިވް ޕާޓީ(އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ(ޖޭޕީ) އަށް ލިބޭ ފައިސާ އެ ޕާޓީތަކަށް ދޫކުރަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދާ ހަމައަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އެކޮމިޝަނަށް ހުށަހަޅާފައި ވަނީ އެމްޑީޕީ އާއި ޖޭޕީއިން އެކަނި ކަމަށާއި އެހެންކަމުން އެ ދެ ޕާޓީއަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިލެކްޝަން އާންމު ކުރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީ އެއްގަ އެވެ.
އެގޮތުން މިއަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ ގެތެރެއިން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ 53،748 މީހުން ހިމެނޭ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793 ރުފިޔާ ލިބެއެވެ. އިދިކޮޅު ޕީޕީއެމްގައި 36054 މެންބަރުން ތިބޭއިރު އެ ޕާޓީއަށް 11،814،609 ރުފިޔާ ލިބެއެވެ. އަދި ތިން ވަނަ އަށް އެންމެ މީހުންގިނަ ޖޭޕީ އަށް ލިބެނީ 3،974،249 ރުފިޔާއެވެ.