އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލާމަރުޔކަޒީ ނިޒާމަކީ އެމްޑީޕީން ގެނައި ނިޒާމެއް ކަމަށާއި އެ ނިސާމު އެނގޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކެވުމުން، ލިބިވަޑަިއގެން ފުރުސަތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ހާއްސަ މަޖިލީހުގެ ރިޔާސަތުގައި އޭނާ އިންނަވައިގެން ގާނޫނުއަސާސީ ނިންމިއިރު، 113 މެންބަރުން ހިމެނި ވަޑައިގަންނަވާ ހާއްސަ މަޖިލީހުގައި އިސްލާހަށް މަސައްކަތްކުރައްވާ މެންބަރުންގެ ގޮތުގައި ތިއްބެވީ އެންމެ 27 މެންބަރުން ކަމަށެވެ. ނަމަވެސް އޭރުއޮތް ރައީސް މައުމޫނުގެ ސަރުކާރުގެ 84 މެންބަރުން މަޖިލީހުގައި ތިއްބެވި ކަމަށްވެސް ވިދާޅުވިއެވެ.
އެ މެންބަރުންނަކީ ސަރުކާރު ބޭނުންވާގޮތަށް ވާހަކަ ދައްކަވައި ވޯޓު ދެއްވުމަށް ތިއްބެވި މެންބަރުން ކަމަށާއި، އެހެންކަމުން ލާމަރުކަޒީ ބާބެއް ގާނޫނުއަސާސީގައި ހިމެނީ އެކަމުގެ ވިސްނުން ރައީސް މައުމޫނާއި އެ ސަރުކާރުގައިވެސް އޮތުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.
ނަމަވެސް ގާސިމް ވިދާޅުވީ އެފަހަރު ގާނޫނުއަސާސީ އިސްލާހު ކުރަން ރައީސް މައުމޫނު ހާއްަ މަޖިލިސް އެއްކުރެއްވީ ގާސިމާއި ރައީސް ނަޝިދު ހިމެނިވަޑަިއގަންނަވާގޮތަށް ރައްޔިތުންނާއި ބޭރުގެ ޕްރެޝަރުން ކަމަށެވެ.
ގާސިމް ވިދާޅުވީ ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް ހަގިގަތް ވާނީ ގަގީގަތަށް ކަމަށާއި، ރައީސް މައުމޫނުގެ ސަރުކާރުން އޭރުއެކަން ކުރަްނ ބޭނުން ނުވިނަމަ އެކަންނުވީސް ކަމަށެވެ. އަދި ހަގީގަތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކައާ ގުޅިގެން މަޖިލިސް ރައީށް ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގެ ޑްރާފްޓް ނިމިފައި ވަނިކޮށް އެއަށް ލާމަރުކަޒީ ބާބެއް ގާނޫނުއަސާސީއަށް އިތުރު ކުރެއްވީ އޭރުގެ އައްޑޫ މެންބަރު މުހައްމައު އަސްލަމް ހުށަހަޅުއްވައި ކޮޅު މަޑޫލު މެންބަރު ޑރ.ހުސެއިންރަޝީދު އަހުމަދު، މިހާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތާއީދު ކުރައްވައިގެން ކަމަށެވެ. އަދި އެކަން ކުރަންޖެހުނީ ކޮމަންވެލްތުގެ ލޯކަލް ގަވަމަންޓް އޮތީރިޓީގެ ބޭފުޅުންނާއި އޭރުގެ އެޓޯލްސް މިނިސްޓަރާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ދެއްކެވީ ހަގީގަތާ ހިލާފް ވާހަކަފުޅެއް ކަމަށާއި، ގާނޫނުއަސާސީ މަޖިލިހުގެ ޑްރާފްޓް ކޮމިޓީން ޑްރާފްޓް ކޮށްގެން މަޖިލީހުގެ ތަޅުމަށް ގެނައިރުވެސް ލާމަރުކަޒީ ބާބު އޭގައި ހިމެނޭނެ ކަމަށެވެ. ނަމަވެސް ފަހުން އެއަށްބަދަލު ގެނައި ކަމަށްވެސް، އެ ކޮމިޓީގައި އިންނެވި ޝަރީފް ވިދާޅުވިއެވެ.