ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ގޭގެ ކުރިމަތީގައި އޭނާގެ ކާރުކޮޅަށް ހާއްސަކޮށްފައިވާ ޕާކިން އޭރިއާ އާންމުންގެ އުޅަނދުތަކަށް ޕާކު ކުރެވޭގޮތް ހަދައިފި އެވެ.
މިނިސްޓަރު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ކާރު ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު، ހައުސިން މިނިސްޓްރީއިން ވަނީ މިއަދު އާންމުންނަށް ހުޅުވާލަދީފައި ކަމަށެވެ.
މަހްލޫފު ކުރިން ވިދާޅުވީ އޭނާއަށް ހާއްސަކުރައްވާފައިވާ ޕާކިން އޭރިއާ އާންމުންނަށް ހުޅުވާލައި އޭނާގެ ޕާކިން އޭރިއާ ބަދަލުކޮށްދެއްވުމަށް ހައުސިން މިނިސްޓްރީގައި އެދޭނެ ކަމަށެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ. މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ސަރަހައްދުގެ ޕާކިން ހާލަތު މިހާރުވެސް ގޯސް ކަމަށެވެ.
"ގޭގެ ކުރިމަތީގައި [މަހްލޫފްގެ] ކާރު ޕާކު ކުރުން ކޮންމެހެން ލާޒިމުތޯ؟" އެމީހާ ސުވާލުކޮށްފައި ވެއެވެ.
މަހްލޫފް އެ ދަނޑިވަޅުގައި އަމަލުކުރެއްވި ގޮތުން އެތައް ބައެއްގެ ތަރުހީބު ވަނީ އޭނާއަށް ލިބިވަޑައިގެންފައެވެ.