ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ގ.ހާސްސީ، މުއުމިނާ އާދަމް އައްޔަން ކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މުއުމިނާ އާދަމް މި މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މުއުމިނާ އަކީ ރައީސް އުފައްދާފައިވާ "ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު"ގެ މެންބަރުކަން އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އެކަމަނާއަކީ މީޑިއާ ދާއިރާއާ ކުޅިވަރުގެ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން 2014 ވަނަ އަހަރު މުއުމިނާ ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމަތު ދެއެވެ. އަދި މިދިޔަ އަހަރު އެކަމަނާ ވަނީ ރެހެންދި އެވޯޑު ހާސިލްކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ފާހަގަ ކުރެއެވެ.