އިބްރާހިމް ޒަކީ
ސަރުކާރުން އެދިފައިވާގޮތަށް 19.3 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ ހަރަދުން ކުޑަކުރުމަށް އެމަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކުވެސް ކޮންމެ މެންބަރެއްގެ ކޮއްތަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވާ ކަމަށެވެ.
އެހަރަދުވަނީ ދުވާލަކަށް ގާތްގަނޑަކަށް 13،900 ރުފިޔާކަމަށާއި، ހަފުތާއަކު ތިން ޖަލްސާ ބާއްވާއިރު، އެ މަގުން މަހަކަށް ގާތްގަނޑަކަށް 165،000 ރުފިޔާ މެންބަރުންގެ ކޮއްތަށް ހޭދަވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް މައްސަލަތައް ދިމާވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުތަމަ ދަންފަޅީގެ އިންޓަވަލް ވަގުތަށް ޖަލްސާ މެދުކަނޑުއްވައިލައްވަމުން މަޖާޒީ ގޮތެއްގައި ވާހަކަ ދައްްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިިލިސްްގެ ހަރަދުތައް ކުޑަކުރެއްވުމަށް، މަޖިލީހުގެ ނާއިބުރައީސް އީވާ އަބުދުﷲ އަށް ދެންނެވުމަށްފަހު، މިއަދު ބައްލަވައި ލެއްވިއިރު، ކޮއްތުދަރާ ބޯފެނާ ހުރިހާ އެއްޗެއް ކެނޑުއްވުމަށް އެބޭފުޅާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު މި މަޖިލީހުގެ އިއްޒަތްތެރި ނާއިބު ރައީސް އަރިހުގައި ދެންނެވިން ހަރަދުތަކަށް ބައްލަވައި ދެއްވާށޭ، ދެން އެންމެފަހުން މިއަދު އަޅުގަނޑު ބަލައިލިއިރު ކޮއްތުދަރާ ބޯފެނާ ހުރިހާ އެއްޗެއް މިހާރު ކެނޑުމަށް އެބޭފުޅާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ދެން އެހެންނަމަވެސް އަޅުގަނޑު ދަންނަވައިފިން ކުޑަކޮށް އަޅުގަނޑުމެނަށްވެސް ބައްލަވާލައްވައިގެން ތި ކަނޑުއްވަމުން ގެންދަވައްޗޭ، އަދި ކޮއްތު ކަނޑާލެއްވިއަސް ބޯފެން ކޮޅާ އެހެން އެއްޗެހި އަޅުގަނޑުމެނަށް ލިބޭ ގޮތަށް ބަހައްޓައްޗޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުުގެ ހަރަދުން 19.3 މިލިޔަން ރުފިޔާ ކުޑަ ކޮށްދިނުމަށް ސަރުކާރުން އެދިފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހާމަ ކުރެއްވީ އެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޖިލިސް ރައީސް އިއްޔެ ވިދާޅުވީ، މަޖިލީހުގެ ހަރަދުތައް ކަނޑަން ފިނޭންސް މިނިސްޓަރުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ސިޓީގައި މަޖިލީހުގެ ހަރަދުން 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ ކޮށްދެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އއިްޔެ ވިދާޅުވީ އެކައުންޓުތައް ބައްލަވައިގެން 19.3 މިލިއަން ރުފިޔާ އުނިކުރެވޭނެ ބައިތައް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.