އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތައް، ހާއްސަކޮށް ޓޫރިޒަމް ވިޔަފާރި އަދި ދަށަށް ނުދާ ކަމަށާއި، ބައެއް ފަރާތްތަކުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކުރަމުންދާ ދިއުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހޭ މިންވަރަށް ރިސޯޓްތަކުގެ ވިޔަފާރި ދަށް ނުވާ ކަމަށާއި، ޓެކްސްގެ އާމްދަނީ ދައްކާގޮތުން އެކަން ވަރަށްބޮޑަށް ސާފުވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ވިޔަފާރީގެ ފައިދާގެ ގޮތުގައިވެސް މިއަހަރުގެ މިހާތަނަށް 850 މިލިޔަން ރުފިޔާ މީރާއަށް ދައްކާފައިވާ ކަމަށާއި އޭގެ މާނައަކީ ވިޔަފާރި ދަށް ނުވާ ކަމަށެވެ. އަދި 2019 ވަނަ އަހަރާ އަލާބަޅާއިރު މިއަހަރުގެ ބިޒްނަޒް ޕްރޮފިޓް ޓެކްސް މަދު ނޫން ކަމަށާއި އޭގެން ދައްކައިދެނީ ވިޔަފާރިތައް ދަށަށް ނުދާކަން ކަމަށްވެސް ވިދާޅުވިއެވެ.
"ރިސޯތްތަކުން އެ މިންވަރަށް އަދި ދަށެއް ނުވޭ ޓެކްސްގެ އާމްދަނީ ދައްކާ ގޮތުން އެބަ އެކަން ފާހަގަވޭ، ސާފުވޭ، ވިޔަފާރީގެ ފައިދާގެ ގޮތުގައިވެސް މިއަހަރުގެ މިހާތަނަށް 850 މިލިޔަން ރުފިޔާ ދައްކާފަ އެބަވޭ، އޭގެ މާނައަކީ ވިޔަފާރި ދެރައެއް ނޫން، އަދި 2019 ވަނަ އަހަރާ އަޅައިބަލާއިރު 2020 ވަނަ އަހަރުގެ ބިޒްނަސް ޕްރޮފިޓް ޓެކްސް މަދެއް ނޫން، އޭގެ މާނައަކީ ވިޔަފާރިއެއް އަދި ދަށަކަށް ނުދެއޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ވިޔަފާރިތައް މިވަގުތަށް ދަށަށް ނުދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި ވިޔަފާރިތައް ދަށަށް ދާނެ ކަމަަށެވެ. އަދި މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހޭނީ އެންމެ ފަހުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ރިސޯޓްތަކުގެ އާމްދަނީއަށް ބަދަލު އައިސްފައިވަނީ ފަނަރަ ދުވަހު ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ރިސޯޓްތަކުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ މާނައަކީ 10.1 ބިލިޔަން ރުފިޔާގެ ވިޔަފާރި ރިސޯޓްތަކުން ކޮށްފައިވުން ކަމަށްވެސް ވިދާޅުވިއެވެ.