އިލެކްޝަންސް ކޮމިޝަން

އިންތިހާބު ފަސްކުރަން އީސީން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސް ސުޕްރީމްކޯޓަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސް ކުރުމާގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޮމިޝަނުން އަނބުރާ ގެންގޮސް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އަދި އެ ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، އެ މައްސަލަ ހައިކޯޓުން އަނބުރާ ނެގުމަށްފަހު އިއްޔެ އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަކުރަމް ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ގައުމަށް ދުސްތޫރީ ހުސްކަމެއް އަންނަ ފަދަ ކަމެއް އެކަމުގައި އެކުލެވޭތީ، އެންމެ ރަނގަޅު ގޮތަކީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން ކަމަށް ގާނޫނީ ޓީމަށް ފެނިގެން ކަމަށެވެ.

"ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުން ނެގުމަށްފަހު އިއްޔެގެ ވަގުތެގައި ވާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ، އެގޮތަށް އަމަލު ކުރީ އެ މައްސަލައިގައި ގައުމަށް ދުސްތޫރީ ހުސްކަމެއް އަންނަ ފަދަ ކަމެއް އެކުލެވިގެންވާތީ އަޅުގަނޑުމެންގެ ގާނޫނީ ޓީމަށް މީގަ އެންމެ ރަނގަޅު ގޮތަކީ ސުޕްރީމް ކޯޓަށް ހުށަަހަޅައިގެން ކުރިއަށް ގެންދިއުން ކަމަށް ފެންނާތީ،" އަކުރަމް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް 19 ގެ ސަބަބުން އެމަހު 18އަށް އީސީން ފަސް ކޮށްފައި ވަނިކޮށް، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އިންތިހާބު އިތުރަށް ލަސްކުރަން ބޭނުވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އޭޕްރީލް 18 އަކީ އިލެކްޝަން ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހުގެ މުއްދަތު ކަމަށެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އިތުރަށް އިންތިހާބު ލަސްކުރަން ޖެހޭ ކަމަށާއި ދެން އެކަން ކުރެވޭނީ ހައިކޯޓަށް ކަމަށް އޭރު އިލެކްޝަނުން ވަނީ ބުނެފަ އެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކާއި ގައުމީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް އެދި އިލެކްޝަނުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ.