އަންނަ އަހަރު ހިނގާނެ ކަމަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސްކުރުމާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލުމަށް ހުށަހެޅި ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާގޮތުގައި މިރޭގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެ މައްސަލައިގެ އިތުރުން ބައެއް އިތުރު ކަންތައްތައްވެސް ޖަލްސާގައި ހިމެނުން އެކަށީގެންވެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީއިން ދިރާސާކުރުމަށްފަހު އެ ބަޖެޓު ވަނީ 30.25 އަށް ބޮޑުކޮށްފައެވެ.
ބަޖެޓު ދިރާސާކުރުމަށްފަހު ކޮމިޓީއިން އެކުލަވާލި ރިޕޯޓުގެ ބަހުސް މަރުހަލާ ނިންމާލާފައިވަނީ މިއަދު ހަވީރެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލުމަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައިވަނި އިއްޔެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅާފައި ވަނީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު އެވެ.
އޭނާ ވިދާޅުވީ އެ އިސްލާހުގެ ބިލު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކުރީން ވެސް އޮތް ގޮތަށް ބަދަލުކުރެއްވުމަށް ކަމަށެވެ. އާރިފު ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިލި ނަމަވެސް ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ނޯންނަ ކަމަށެވެ.