ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ރަހީނު ކުރި ކަމަށް ވިދާޅުވެ، ޝަހީބު ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލައިގެ ތަފްސީލީ ބަޔާނެއް ފުލުހުން މިއަދު ނަގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފުލުހުންނަށް ހުށަހަޅުއްވާފައިވާ ގޮތުގައި އޭނާ ކޮމިޝަނުގައި މަސައްކަތް ކުރައްވާ އޮފީސް ތެރޭގައި ރަހީނު ކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ޝަހީބު ވަނީ ހަމަ އެދުވަހު މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ.
ޝަހީބު ކުރީން "ވަން އޮނަލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ސޮފްވާން ވަނީ އޭނާ ރަހީނުކުރުމުގެ އިތުރުން ކޮމިޝަނުގެ ރައީސް ކަމުން އިސްތިއުފާ ދޭން ބުނެ ބިރުވެސް ދައްކައިފަ އެވެ.
ޝަހީބު މިއަދު ވަން އޮންލައިން އަށް ވިދާޅުވީ ރަހީނުކޮށްގެން އުޅުނު އިރު ސޮފްވާން ދެއްކި ވާހަކަތަކުގެ އޯޑިއޯއެއްވެސް މިއަދު ފުލުހުންނާ ހިއްސާކުރައްވައިފައި ވާނެ ކަމަށެވެ.