ހުސެއިން ޝަމީމް

ކަރަންޓީނު ކޮށްފައިހުރި މީހަކު އެހެންމީހުން ތިބޭ ތަންތަނަށް ދިއުމަކީ ގާނޫނީ ކުށެއް: ޕީޖީ

އިބްރާހިމް ޒަކީ

ކަރަންޓީން ކޮށްފައި ތިބޭމީހުން، ހޮޓާ ހޮޓަލަށް ކޮފީބޯން ފަދަ ކަންކަމަށް ގިނަމީހުން ތިބޭ ތަންތަނަށް ދިއުމަކީ ގާނުނީ ކުށެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ނުރައްކާތެރިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އެކި ކަންކަމުގައި ކަރަންޓީން ކުރެވޭ މީހުންނަށް އިޝާރާތް ކުރައްވައި، ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ކުށުގެ އަމަލު ހިންގީ އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތް ގޮތުގައި ކަމުގައި ރަމްޒު ކޮށްދޭ ހާލަތެއްގައި (މިސާލަކަށް ކަރަންޓީނު ކޮށްފައި ހުއްޓާ ހޮޓަލަށް ކޮފީއަށް ދިއުން) ކަމުގައި ވާނަމަ، އެ ކުށަކީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް،" ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ރ) ގެ އެއްވަނަ ނަމްބަރުގައި ބުނާ ކަމަށެވެ.

ފަރުވާލެއް ނެތި މީހަކު ކުރާ އަމަލެއްގެ ސަބަބުން، އެހެން މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައިފި ނަަމަ، އެމަލު ހިންގި މީހާވެސް އެކުރަނީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ މިހެން ވިދާޅުވެފައިވާއިރު، މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން އެކި ލެވެލްގައި ކަރަންޓީން ކުރާ މީހުން އެގޮތަށް އަމަލު ކުރަމުންދޭތޯ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.

ކޮވިޑް 19 އާ ބެހޭގޮތުން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަންގާ އެންގުންތަކާއި އަޅާ ފިޔަވަޅުތަކާ ހިލާފު ވާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށެވެ. އަދި އެފަދަ ބައެއް މައްސަލަތައް ފުލުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.