ރީކޯ މޫސާ މަނިކް

ރާއްޖެއިން ޗައިނާ ބޭރުކުރަން އުޅެނީ ބަޔަކު ރާވައިގެން، އެއީ ކުރަންވާވަރުގެ ކަމެއް ނޫން: މޫސާ މަނިކު

1

ރާއްޖެއިން ޗައިނާ ބޭރުކުރަން އުޅެނީ ބަޔަކު މީހުން ރާވައިގެން ކަމަށާއި، އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެމަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުސާ މަނިކު ވިދާޅުވީ ރާއްޖެއިން ޗައިނާ ބޭރުކުރަން އުޅެނީ ބައެއްގެ ރޭވުމަކުން ކަމަށެވެ. އަދި އެއީ ކުރަން ވާވަރުގެ ކަމެއް ނޫން ކަމަށް މުސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދިންވަރުގެ އެހީއެއް އެއްވެސް ގައުމަކުން ދީފައި ނުވާކަމަށާއި އަދި އެކަމާ އުފާކުރައްވާކަމަށެވެ.

މީގެއިތުރުން މޫސަ ވިދާޅުވީ ޗައިނާ އިންޑިއާ އަދި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފަށް ގެންނަ ތަރައްގީއެއް ބޭނުން ނުވާކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޗައިނާއާ އެކު ގާތްގުޅުމެއް އުފައްދާފައެވެ. އަދި ޗައިނާގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގަމުންދާތީ އެކަމާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މޫސަ ވިދާޅުވީ ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ބުނުމަކީ އިސްލާމް ދީނަށް ގޮންޖެހުން ކަމަށާއި އިސްލާމު ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަމެއް ނުކުރަން ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުން ބުނުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟