އައިލެންޑް އޭވިއޭޝަން

ކޮވިޑް 19 : މޯލްޑިވިއަންގެ މުވައްޒަފުން ހަފުތާއަކު ތިންދުވަހު ވަޒީފާއަށް ނިކުންނަ ގޮތަށް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން ގްރޫޕް ތަކަކަށް ބަހާލައި ހަފުތާއަކު ތިން ދުވަހު އޮފީހަށް ނިކުންނަ ގޮތަށް ހަމަޖައްސައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން މުވައްޒަފުން ވަޒީފާއަށް ނުކުންނާނީ ގުރޫޕްތަކަކަށް ބަހާލައިގެން ހަފުތާއަކު ތިން ދުވަހު ކަމަށާއި، އަނެއް ދެ ދުވަހު މުވައްޒަފުން ތިބޭނީ "ސްޓޭންޑްބައި" ޑިއުޓީގައި ކަމަށެވެ. ސްޓޭންޑްބައި ޑިއުޓީއަކީ އައިލެންޑް އޭވިއޭޝަނުން އަންގައިފި ހާލަތެއްގައި ނުކުންނަން ޖެހޭ ގޮތަށް ތައްޔާރަށް ތިބުން ކަމަށް އެ ކުންފުނީން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ބަދަލު ގެނައީ އެ ކުންފުނީގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލު ކުރަމުން އަންނަ ބައެއް ކަމުން، އެއްވެސް ސަބަބެއް މެދުވެރިވެ، ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް މަސައްކަތަށް ނުނިކުމެވޭ ހާލަތެއް މެދުވެރިވިނަމަވެސް ރައްޔިތުންނަށް ދޭ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިގޮތަށް ބަދަލު ކުރިނަމަވެސް އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތަކަށް ބަދަލެއް ނާންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މީގެއިތުރުން މިހާރު އައިލެންޑް އޭވިއޭޝަނުން ހިދުމަތްދޭ ގަޑިތަކަކީ އާދިއްތަ އިން ބުރާސްފައްޗަށް ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. ހުކުރު، ހޮނިހިރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު ކޯލްސެންޓަރު އަދި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ކޮންމެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން އިރުއޮއްސި 18:00 އަށް ދިނުމަށް ހަމަޖެހިފައި ވެއެވެ. ކޯލްސެންޓަރު އަދި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ހުކުރު ދުވަހު ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:00 އަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ ކުންފުނިން ދޭ ހިދުމަތްތައް ހުއްޓާނުލައި، ގައުމީ ހިދުމަތުގައި "މޯލްޑިވިއަން" އޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.