މި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި، ދީނަށް ފުރައްސާރަވާ ގޮތަށް ކަންތައްތައް ކުރާ މީހުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ހައްޔަރު ކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ، ދޫކޮށްލި މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުންތަައް އަމާޒުވެފައި ވަނިކޮށް، ޕީޖީ ކުރެއްވި ޓުވީޓެގައި ވިދާޅުވީ، ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ކުރިން ވެސް ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ދެންވެސް ދައުވާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރުސްތުމް ދޫކޮށްލި މައްސަލައިގައި ފާޑުކިޔަމުންދާ ފަރާތްތަކަށް ޝަމީމު ވިދާޅުވީ، ކަމުގެ ހަގީގަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
ރުސްތުމް އެންމެ ފުރަތަމަ ހައްޔަރު ކުރީ، ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި ބާއްވައި އަދި ޒުވާނުންނަށް ދީނާ ދެކޮޅު ވާހަކަތައް ކިޔައިދޭނެ ކަމަށާއި، ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ބުނެ ކުރި ޓުވީޓަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި މިދިޔަ ހަފުތާގައި އޭނާ ދޫކޮށްލަން ތިނަދޫ މެޖިސްޓްރޭޓު ކޯޓުން އަމުރު ކުރިއެވެ.
ދޫކޮށްލުމާއެކު އޭނާ ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ޓުވީޓުކުރަން ފަށައިފައެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ސަރުކާރަށާއި ޕީޖީއަށް ވެސް ފާޑު ކިޔައިފައެވެ.
ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރާއިރު، ފާޅުގައި ދީނަށް ފުރައްސާރަކޮށް ދީނީ ބައިބައިވުން އުފައްދާ މީހަކު ދޫކޮށްލާފައި ބެހެއްޓުމަކީ އިންސާފުތޯ ފާޑު ކިޔާމީހުން ސުވާލު ކޮށްފައި ވެއެވެ. ނަމަވެސް ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި ރުސްތުމް އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރު ކުރީ މާލޭގައި ހުއްޓާ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.